03 Dec 2013, 15:45
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އެހެން ކުންފުންޏަކަށް ވިއްކާލުމުގެ ވިސްނުމެއް، މިސަރުކާރުން ނުގެންގުޅޭ ކަމަށާއި ކުރިއަށް އޮތްތާގައި ވެސް އެއާޕޯޓް ހިންގާނީ މާލޭ އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނާ މައުލޫމާތު ދެއްވަމުން އަދީބު ވިދާޅުވީ ރާއްޖޭގައި އޮތީ އެންމެ އިންޓަނޭޝަނަލް އެއާޕޯޓެއް ކަމަށްވާ އިރު، މޮނޮޕޮލީއަކަށް ޖާގަދެވިގެން ނުވާނެ ކަމަށާއި އެއެއާޕޯޓް އޮންނަން ޖެހޭނީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި މޮނޮޕޮލީއަކަށް ޖާގަދެވިގެން ނުވާނެ. އެންމެ އެއާޕޯޓެއް އޮތިއްޔާ އެތަން އޮންނަން ޖެހޭނީ ސަރުކާރުގެ އަތްދަށުގައި." އަދީބް ވިދާޅުވި އެވެ.
އަދީބް ވިދާޅުވީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ސަރުކާރުން ހިންގާ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ ފުރަތަމަ އިސް ނެގީ ޕީޕީއެމްގެ ލީޑަރުން ކަމަށާއި އެ މައްސަލާގައި އިހުތިޖާޖުކުރުމުގެ ސަބަބުން ޖަލަށް ލެވި، އަނިޔާތަކެއް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއަށާއި ޖުމްހޫރާ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތަހައްމަލުކުރައްވަން ޖެހުނު ކަމަށެވެ.