03 Dec 2013, 15:37
ކުށުގެ ރެކޯޑު ސާފުކުރުމުގެ ވަގުތު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިތުރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޑިޕާޓަމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ މިޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހްމަދު މާޖިދު މިއަދު ވިދާޅުވީ އެ ޑިޕާޓްމަންޓަށް ހުށަހަޅައިގެން ކުށުގެ ރެކޯޑު ސާފުކުރުމަށް މިފަހަކަށް އައިސް ގިނަ ބަޔަކު އަންނަ ކަމަށެވެ. އެހެންކަމުން ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށަހަޅާ ފޯމް ބަލައިގަތުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށް މާޖިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ފޯމް ބަލައިގަތުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހު ވެސް ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 11:00 އިން ހަވީރު 4:00 އާ ހަމައަށް ފޯމް ބަލައިގަތުމުގެ ކަންތައް އެ ޑިޕާޓްމަންޓުގައި ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީޖޭއޭ މެދުވެރިކޮށް ބެލެނީ ހަމައެކަނި ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ އިތުރުން ޑްރަގް ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކުގައި ހުންނަ ކުށުގެ ރެކޯޑެވެ.
ސުޕްރީމް ކޯޓާއި ހައިކޯޓުގެ އިތުރުން ސުޕްރީމް ކޯޓުގައި ހުންނަ ކުށުގެ ރެކޯޑު ސާފުކުރަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭނީ އެ ކޯޓުތަކަށެވެ.