03 Dec 2013, 15:19
އިންޑިއާގެ އާގްރާގައި ހުންނަ ތާޖުމަހަލް ބަލަން ގޮސް ޓްރެވިންޑްރަމަށް ދަތުރުކުރަމުން ދިޔަ ދިވެހި އާއިލާއެއް ދުއްވަން އިން ކާރުގެ ޑްރައިވަރަށް ނިދިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިންގައި އެ އާއިލާގެ ބައެއް މެމްބަރުން ޒަހަމްވެއްޖެ އެވެ.
އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ އޮފިޝަލަކު މިއަދު ސަންއަށް ވިދާޅުވީ މި އެކްސިޑެންޓުވެފައި ވަނީ އާގްރާއަށް ގޮސް އައި މަގުމަތީގައި ޕޫނާގެ ހައިވޭގައި އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެކްސިޑެންޓް ހިންގަން މެދުވެރިވި ކަމަށް ވަނީ ދިވެހި އާއިލާއިން ދުއްވި ކާރުގެ ޑްރައިވަރަށް ނިދިޖެހުނު ވަގުތު ކުއްލިއަކަށް ކުރިމަތިން ފެނުނު ގޭސް ޓޭންކަރަކުން "އޯވާޓޭކް" ކުރަން އުޅެނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދިވެހި އާއިލާއިން ދުއްވި ކާރު އޯވާޓޭކް ކުރަން އުޅެނިކޮށޭ އެސަރަހައްދުގައި ތިބި މަންޒަރު ދުއް މީހުން ބުނަނީ އެކްސިޑެންޓް ހިންގީ، އެމީހުން ދުއްވި ކާރުގެ ޑްރައިވަރަށް ނިދިގެން ހިނގި ކަމެއް ކަމަށް ބުނަނީ، އެކްސިޑެންޓް ހިންގި ވަގުތު އިންޑިއާގެ މީހާ ވަނީ މަރުވެފައި،" އޮފިޝަލް ވިދާޅުވި އެވެ.
ކުނަހަންދޫން ވާހަކަ ދެއްކި އާއިލާގެ މެމްބަރަކު މިއަދު ސަން އަށް މައުލޫމާތު ދެމުން ބުނީ އެ އެކްސިޑެންޓް ހިނގީ އާގަރާއަށް ގޮސް އެނބުރި ޓްރެވިންޑްރަމަށް އަންނަނިކޮށް ކަމަށާއި އެއެކްސިޑެންޓް ހިނގަން މެދުވެރިވީ އޭނާގެ އަންހެން ކޮއްކޮގެ އާއިލާއިން ދުއްވި ކާރަކާއި ލޮރީއެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓް ހިނގީ ބެންގަލޫރާއި 400 ކިލޯ މީޓަރު ބޭރުގައި އޮންނަ ހުބްލީ ކިޔާ ސަރަހައްދެއްގަ އެވެ. އެ އެކްސިޑެންޓް ހިންގުމާ އެކު އެމީހުން ވަނީ ކަރުނާޓަކާގެ އިންޓިއުޓް އޮފް މެޑިކަލް ސައެންސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފަ އެވެ. އެއަށްފަހު އެމީހުން ވަނީ ހުބްލީ "ވިވެކެނަންދް" ކިޔާ ހޮސްޕިޓަލަކަށެވެ.
އެކްސިޑެންޓްވި އާއިލާގައި ހިމެނެނީ ދެމަފިރިންނާއި އެ ދެމަފިރިންގެ ހަ އަހަރުގެ ކުޑަ އަންހެން ދަރިފުޅަކާއި ހަ އަހަރުގެ ފިރިހެން ދަރިއެއްގެ އިތުރުން އަންހެން މީހާގެ އެއްބަނޑުއެއްބަފާ ފިރިހެން ކޮއްކޮއެކެވެ.
އާއިލާއިން ވާހަކަދެއްކި މީހާ ބުނީ އެހާދިސާގެ މައުލޫމާތު އޭނާގެ އަންހެން ކޮއްކޮ ކުނަހަންދޫގައި ހުންނަ އޭނާގެ މަންމައަށް ގުޅައިފައި ކިޔައިދިން ކަމަށެވެ. އަދި އެކްސިޑެންޓްގައި އެންމެންނަށް ވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު އެމީހުންގެ އެޖެންޓެއްގެ ގޮތުގައި އިންޑިއާގައި އުޅޭ "ސިބޫ" ނަމަކަށް ކިޔާ މީހާ މަރުވެފައިވާ ކަމަށް ވެސް އޭނާގެ ދައްތައާ ހަވާލާދީ އެ މީހާ ބުންޏެވެ.
މީގެ އިތުރުން ދައްތަގެ ކޮއްކޮ އެ ރަށު، ހުޅަނގުގޭ މުހައްމަދު ޝައްމޫނުގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ސީރިއަސް ހާލުގައި އޮތް ކަމަށް ވެސް ދައްތައާ ހަވާލާދީ އޭނާ ބުންޏެވެ.
"ދައްތަ އެތާ ހޮސްޕިޓަލްގައި ހުރި މީހެއްގެ ފޯނުން ގުޅައި އެހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ވަނީ ކިޔައީފައި، އެހާދިސާ ހިނގި ސަރަހައްދަކީ ދިވެހިން އާއްމުކޮށް ގޮސް ނޫޅޭ ސަރަހައްދަކަށްވާތީ އެމީހުން ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުގައި އުޅޭ މުސްލިމް ޖަމާއަތެއްގެ ބަޔަކު ބުނީ،" އޭނާ ބުންޏެވެ.
އިންޑިއާގެ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްގައި އެ ދެމަފިރިންގެ އަންހެން ދަރިފުޅުގެ ބޯފަޅައިގެން ގޮސްފައިވާއިރު އަންހެން މީހާގެ ކޮއްކޮގެ ވެސް ބޯފަޅައިގެން ގޮސް ކަންފަތް އިރައިގެން ގޮސްފައިވާ ކަމަށާއި ފިރިހެން މީހާއަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށާއި އާއިލާއަށް އެހީވުމަށް ސަރުކާރުގައި އެމްބަސީން އެދިފައިވާއިރު އާއިލާގެ މެމްބަރަކު މިއަދުގެ ވަގުތެއްގައި ބެންގަލޫރަށް ދާން ފުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ދިވެހި އެ އާއިލާއިން އިންޑިއާއަށް ދިޔަ ކަމަށް ވަނީ މިދިޔަ ހަފްތާގައި އިންޑިއާއަށް ބޭސްފަރުވާއަކަށެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ މި އެކްސިޑެންޓާ ގުޅިގެން އިންޑިއާގެ ނިއުދިއްލީގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނާއި ތިރިވަނަންތަޕޫރަމްގައި ހުންނަ ރާއްޖެގެ ކޮންސިއުލޭޓް އަދި ބެންގަލޫރުގައި ހުންނަ ދިވެހި އޮނަރަރީ ކޮންސުލް އާ ގުޅިގެން ދިވެހި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.