އައްމިއްލަ ބޭނުމަށް ބޭނުންކުރާ އުޅަނދުތަކަށް ރޯޑްވާދިނަސް އާއި ތާޑްޕާޓީ އިންޝުއަރެންސް ފައިސާ ދައްކަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށަހެޅުއްވި އެ ބިލް މަޖިލީހުން ބޭރުކޮށްލާފައި ވަނީ އެ ބިލް ދިރާސާ ކުރި ގައުމީ ތަރައްގީގެ ކޮމެޓީން އެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓް ފާސްކޮށްގެންނެވެ.

އެބިލު މަޖިލީހުން ބޭރުކޮށްލީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަޖިލީހުގެ ތަޅުމުން މިއަދު ފާސް ކުރި ރިޕޯޓުގައި ބުނަނީ ކޮމެޓީގެ މެމްބަރުންނަށް ފެނިވަޑައިގަތީ ރޯޑުވާދިނަސް ހެދުމާއި ތާޑްޕާޓީ އިންޝުއަރެންސް ފައިސާ ދިނުމަށް ގާނޫނުގައި މިހާރު އޮތް ގޮތް ރަނގަޅު ކަމަށާއި އެއަށް ބަދަލު ގެނައުމަށް ނުފެންނަ ކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ކަންތައްތައް ގާނޫނުތަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދުތަކުގައި ހިމެނިދާނެ ކަމަށެވެ.

އެއްގަމު ދަތުރުފަތުގެ ގާނޫނުގެ ފަސް މާއްދާއަކަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގައި ބުނެފައި ވަނީ އަލަށް ރަޖިސްޓްރީ ކުރާ ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ރޯޑްވާސްދިނަސް ހަދަން ޖެހޭނީ އާންމު ދަތުރުފަތުރުގެ ނިޒާމުގައި ހިމެނޭ އުޅަނދުތަކަށެވެ. އާންމު ދަތުރުފަތުރުގެ ނިޒާމުގައި ހިމެނޭ އުޅަނދުތަކަކީ އާންމުންނާއި ލުއި ދާގީނާ އުފުލަން ކަނޑައަޅައި ހުއްދަދީފައިވާ އުޅަނދުފަހަރެވެ.

ރޯޑުވާދިނަސް ހަދަން ހުއްދަދީފައިވާ ތަންތަނުން އެ ހުއްދަ ދިނުމުގައި ޓްރާސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އަގުތައް ނެގުމުގައި އަމަލު ކުރަމުން ދަނީ ރަނގަޅަށްތޯ މަދުވެގެން މަހުން އެއްފަހަރު ޗެކް ކުރަންވާނެ ކަމަށް ވެސް ހަސަން ލަތީފު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.