03 Dec 2013, 14:06
ގުރުއާން މަޖުބޫރު މާއްދާއަކަށް ހެދުމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މީގެ ދެ އަހަރު ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވި ގަރާރު، ކޮމެޓީން ދިރާސާކޮށް ތަޅުމަށް ހުށަހެޅުއްވި ގޮތަށް ފާސްކޮށްފި އެވެ.
އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން ޖުލައި 20، 2011ގައި މަޖިލީހަށް އެމަނިކުފާނު ހުށަހަޅުއްވި ގަރާރުގައި ބުނެފައި ވަނީ ފަށާ ތައުލީމާއި މެދުމަދުރަސީ ތައުލީމުގެ މަރުހަލާގައި ކީރިތި ގުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައި ދިނުމަށާއި ސާނަވީ މަރުހަލާގައި ކީރިތި ގުރުއާނުގެ އިލްމު މަޖުބޫރު ބައެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.
އަފްރާޝީމްގެ ގަރާރަށް ތާއިދުކޮށް ކޮމެޓީން ހުށަހެޅި ރިޕޯޓް ފާސްވީ ވޯޓުގައި ބައިވެރިވި 47 މެމްބަރުންގެ އިއްތިފާގުންނެވެ.
ގައުމީ ތަރައްގީގެ ކޮމެޓީން މަޖިލީހަށް މިދިޔަ ހަފްތާގައި ހުށެހެޅި ބިލުގައި ބަހުސްގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް ގުރުއާން މަޖުބޫރު މާއްދާއަށް ހެދުމަށް ތާއިދުކޮށް ވާހަކަފުޅު ދެއްކެވި އެވެ.