03 Dec 2013, 14:04
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލޯގޯ އާއި ކުލަ އާއި ކުލަ ބަދަލުކޮށް ޑީއާރުޕީ ރީ ބްރޭންޑް ކުރުމަށް ޑީއާރުޕީ ގައުމީ ޖަލްސާ އަށް ހުށަހަޅަން ނިންމައި ލޯގޯއަކާއި ސްލޯގަން ހެދުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
މިއަދު ޑީއާރުޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑީއާރުޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ޑީއާރުޕީގެ ލޯގޯ އާއި ސްލޯގަނެއް ހެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މުބާރާތެއްގެ ސިފާގައި ކަމަށާއި އެންމެ ރަނގަޅު ލޯގޯއަކަށް 100،000 ރުފިޔާ އަދި އެންމެ ރަނގަޅު ސްލޯގަންއެއް ހަދާ ފަރާތަކަށް ވެސް އެއް ލައްކަ ރުފިޔާ ހުށަހަޅާފައިވާ ކަމަށެވެ.
ކާނަލް ވިދާޅުވީ ޑީއާރުޕީގެ ކުލަވެސް ބަދަލުކުރަން ގައުމީ ޖަލްސާ އަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.
މީގެ އަށް އަހަރު ކުރިން ޑީއާރުޕީގެ އުފެދުނީއްސުރެ ބޭނުން ކުރަމުން އައިސްފައިވާ ލޯގޯ އާއި ކުލަ އާ ބެހޭ ގޮތުން ކާނަލް ވިދާޅުވީ ޑީއާރުޕީން ބޭނުންކުރާ ކުލަ ލޯގޯ ދުރަށް ފެނުމުގަ އާއި ކެމްޕެއިނުގައި ބޭނުން ކުރުމުގައި އުނދަގޫތަކެއް ހުރި ކަމަށެވެ.
"އަޅުގަނޑުމެންގެ މާކެޓިން ބޭފުޅުން ޑީއާރުޕީގެ ލޯގޯ އާއި ކުލަ ސައިންޓިފިކް ގޮތަކަށް ދިރާސާ ކުރުމަށް ފަހު އެ ބޭފުޅުން ވިދާޅު ވަނީ ޕީޕީއެމްގެ ފިޔާތޮށިކުލަ ދުރަށް ފެންނަ ވަރަށް އަދި އެމްޑީޕީގެ ރީނދޫ ކުލަ ދިވެހި ރައްޔިތުންގެ ޕާޓީން މި ގެންގުޅޭ ނޫ ކުލަ ނުފެނެ އޭ،"
ޑީއާރުޕީގެ އަސާސީ ގަވާއިދަށް އިސްލާހްތަކެއް ގެނައުމަށް ޓަކައި ގައުމީ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެ ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އަދި ހަމަޖެހިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޑީއާރުޕީގެ ހަތަރު ވަނަ ގައުމީ ޖަލްސާ ބޭއްވީ މިދިޔަ އޭޕްރީލް މަހުގަ އެވެ.