ތައިލެންޑުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންނަށް ހުރަސް ނޭޅުމަށް އެ ގައުމުގެ ފުލުހުން ނިންމުމާ އެކު، މުޒާހަރާ ކުރާ މީހުން މަގުތަކުގައި ޖަހައިފައި ހުރި ބެރިކޭޑުތައް ހުރަސް ކޮށް، ބޮޑުވަޒީރުގެ އޮފީސް ކައިރިއަށް އެއްވާން ފަށައިފިއެވެ.

ވެރިރަށް ބެންގކޮކުގައި ހުންނަ ގަވަރންމަންޓް ހައުސްގެ މައި ދޮރޯށީގެ ކައިރިއަށް އެތައް ސަތޭކަ ބަޔަކު މިހާރު އެއްވެފައި ވާ ކަމަށް އަލްޖަޒީރާގެ މުރާސިލުން ޚަބަރު ދެއެވެ. އެއްވި މީހުން ތައިލެންޑުގެ ދިދަތައް ހޫރަމުން، ކަށިގަނޑުތައް ފުމެމުން އެ ހިސާބުގައި ހަރަކާތްތެރި ވިޔަސް، ދޮރޯށި ހުޅުވައި އިމާރާތުގެ ތެރެއަށް ވަންނާން މަސައްކަތް ކުރާ ކަމަކަށް ރިޕޯޓުތަކެއް ނުބުނެއެވެ.

ގަވަރންމަންޓް ހައުސްގައި ހުންނެވި އަލްޖަޒީރާގެ މުރާސިލު ސްކޮޓް ހެއިޑްލަރ ވިދާޅުވީ، އެ ސަރަހައްދުގައި ތިބި މީހުން ތިބީ އުފާ ފައުޅު ކުރުމުގެ މޫޑެއްގައި ކަމަށެވެ. އިމާރާތުގެ ތެރެއަށް ނުވަނުމަށް، މުޒާހަރާގެ އިސް ވެރީން އިރުޝާދު ދެމުންދާ ކަމަށް ވެސް ހެއިޑްލަރ ވިދާޅުވިއެވެ.

ބޮޑުވަޒީރާ ޔިންގލަކް ޝިނަވަޓްރާގެ ސަރުކާރާ ދެކޮޅަށް އެތައް ދުވަހެއް ވާންދެން ބެންގކޮކުގައި ބޭއްވި މުޒާހަރާތަކަށް ފަހު، މިއަދު ތައިލެންޑުގެ ފުލުހުން ވަނީ މުޒާހަރާ ކުރާ މީހުންނަށް ދެން ހުރަސް ނާޅާން ނިންމައިފައެވެ. ފުލުހުން މިއަދު ހެނދުނު ބުނެފައި ވަނީ ސަރުކާރުގެ އެއްވެސް އިމާރާތެއްގެ ހިމާޔަތުގައި ވެސް، އަދި ފުލުހުންގެ މައިމަރުކަޒުގެ ހިމާޔަތުގައި ވެސް ދެން އެއްވެސް ކަހަލަ ބާރެއްގެ ބޭނުން ނުކުރާނެ ކަމަށެވެ.

ބެންގކޮކްގެ މެޓްރޮޕޮލިޓޭން ޕޮލިސް ޗީފް ލެފްޓިނެންޓް ޖެނެރަލް ކެމްރަންވިޓް ތޫޕްކްރަޔަންގް މިއަދު އޭއެފްޕީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ "މެޓްރޮޕޮލިޓޭން ޕޮލިސް މައިމަރުކަޒަކީ ރައްޔިތުންގެ ތަނެއް" ކަމަށާއި، އެހެންވެ ރައްޔިތުން އެތަނަށް ވަނުމަށް ގަދަބާރުން ހުރަސް ނާޅުއްވާނެ ކަމަށެވެ.

"މިއަދު އެއްވެސް ވަރަކަށް ކަރުނަ ގޭސް ބޭނުމެއް ނުކުރާނަން. ރޭ ވެސް މުޒާހަރާ ކުރާ މީހުން ބަޑި ޖެހުމުން ފުލުހަކު ވަނީ ޒަޚަމް ވެފައި. އަހަރެމެން އިތުރަށް ބާރުގެ ބޭނުން ކުރާ ނަމަ، އިތުރު މީހުން ޒަޚަމް ވާނީ. އަހަރެމެން އެންމެންނަކީ ތައި މީހުން." ތޫޕްކްރަޔަންގް ވިދާޅުވިއެވެ.

ފުލުހުން މިހާރު ގެންދަނީ މަގުތައް ބަންދު ކުރުމަށް ޓަކައި ބެންގކޮކްގެ އެކި ސަރަހައްދުތަކުގައި ބަހައްޓައިފައި ހުރި ކޮންކްރީޓްގަނޑުތަކާއި ކަށިނަރު ބެރިކޭޑުތައް ކެރޭނުތަކުގެ އެހީގައި ނަގައި، މަގުތައް ހުޅުވަމުންނެވެ.

ތައިލެންޑުގެ އެންމެ ބާރުގަދަ އިދިކޮޅު ލީޑަރު ސުތެޕް ތައުގްސްބާން މިއަދު ވިދާޅުވީ، ފުލުހުންގެ ނިންމުމާ އެކު މި އައި ބަދަލަކީ އަދި ކާމިޔާބު ނޫން ކަމަށާއި، ކާމިޔާބަކަށް ވާނީ ބޮޑުވަޒީރު ޝިނަވަޓްރާގެ ސަރުކާރު އިސްތިއުފާ ދިނުން ކަމަށެވެ.

މުޒާހަރާތައް ވަރުގަދަކޮށް، ފުލުހުންގެ މައިމަރުކަޒަށް ވަދެގަންނާން މުޒާހަރާގެ ބައިވެރީންނަށް ރޭ ގޮވައިލެއްވި ބޭފުޅަކީ ވެސް ސުތެޕް ތައުގްސްބާނެވެ.

ތައިލެންޑުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށިފައި ވަނީ ބައެއް ކަހަލަ ކުށްތައް ސާބިތު ވެ، ހުކުމް ކުރެވިފައި ތިބި ފަރާތްތަކަށް މައާފު ދިނުމުގެ ބިލެއް ސަރުކާރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހަށް ހުށަހެޅުމާ ގުޅިގެން އުފެދުނު މައްސަލަތަކުގެ ތެރޭގައެވެ. އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ސަރުކާރުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާއަށް މަޢާފު ދިނުމުގެ ދޮރު ހުޅުވުމެވެ.

ތަކްސިން ޝިނަވަޓްރާ އަކީ މިހާރުގެ ބޮޑުވަޒީރު ޔިންގލަކް ޝިނަވަޓްރާގެ ބޭބޭފުޅެވެ. ތަކްސިންގެ ސަރުކާރު ވައްޓައިލެވިފައި ވަނީ 2006 ވަނަ އަހަރު ތައި ސިފައިން ގެނައި އަސްކަރީ ބަޣާވާތެއްގައެވެ. އެއަށްފަހު، ތަކްސިންގެ ސަރުކާރާ ދެކޮޅު ފަރާތްތަކުން އުފެއްދި އައު ސަރުކާރުން ވަނީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކޮށް، ޝަރީއަތް ހިންގައިފައެވެ. އެ ޝަރީއަތުގައި، ކުށް ސާބިތު ވުމާ ގުޅިގެން ތަކްސިން ޖަލަށް ލާން ހުކުމް ކުރެވިފައި ވާ އިރު، އޭނާ މިހާރު ދިރިއުޅުއްވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައެވެ.

މިދިޔަ އާދީއްތަ ދުވަހު ބޮޑުވަޒީރާ ޝިނަވަޓްރާ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ، މައާފުގެ ގާނޫނުގެ ޚިޔާލު ސަރުކާރުން މިހާރު ދޫކޮށްލައިފައި ވާ ކަމަށެވެ.

ބޮޑުވަޒީރާ ޝިނަވަޓްރާ އާއި އެ ކަމަނާގެ ބޭބޭފުޅަށް ތައިލެންޑުގެ ގިނަ އަދަދެއްގެ ބަޔަކު ތާއީދު ކުރި ނަމަވެސް، ވެރިރަށް ބެންގކޮކްގެ އާބާދީގެ ބޮޑު ބަޔަކީ އެ ބޭފުޅުންނާ އިދިކޮޅު ފަރާތްތަކުގެ ސަޕޯޓަރުންނެވެ.