03 Dec 2013, 13:42
އަންނަ މާޗު މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 15 ދާއިރާއަކަށް ޑީއާރުޕީގެ ޓިކެޓްގައި ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރުމުގައި ކާނަލް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހަށް ޑީއާރުޕީގެ ފަރާތުން 15 ދާއިރާއަކަށް ކެންޑިޑޭޓުން ނެރުމަށް ނިންމާފައިވީ ނަމަވެސް 17 ދާއިރާއެއް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން ކައުންސިލުން ނިންމާ ގޮތަކުން 17 ދާއިރާއަކަށް ވެސް ކެނޑިޑޭޓުނަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޑީއާރުޕީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ އެއް ދާއިރާއަކަށް ޑީއާރުޕީގެ ޓިކެޓްގައި އެއް މެންބަރުންނަށް ވުރެ ގިނަ މެންބަރުން ކުރިމަތިލާން ބޭނުންވާ ނަމަ ކުރިމަތިލާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީ އަކުން ކަމަށެވެ.
އޭގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޑީއާރުޕީގެ ކެންޑިޑޭޓުން ނިކުންނާނެ ކަމަށާއި ނަމަވެސް ޑީއާރުޕީގެ ޓިކެޓްގައި ކުރިމަތިލާނެ ކެންޑިޑޭޓުންގެ އަދަދެއް ކަނޑައަޅާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.