03 Dec 2013, 13:17
ސޯޝަލް މީޑީއާ ޓްވިޓާއަށް ހާއްސަކޮށްފައިވާ ޑާޓާ އެނަލިސްޓިކްސް ފާމެއް ކަމަށްވާ ޓޮޕްސީ ލެބް، ޓެކްނޯލޮޖީ ސެކްޓާގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމެރިކާގެ އެޕަލް އިން ގަނެފި އެވެ.
ޓޮޕްސީ އަކީ ޓްވިޓާގެ މުޅި ޑާޓާބޭސްއަށް އެކްސަސް ކޮށްގެން ކަސްޓަމަރުންގެ ހަރަކާތްތައް ހުންނަ ގޮތް "ޓްރެކް" ކުރުމުގެ ގާބިލްކަން ލިބިފައިވާ މަދު ފާމް ތަކުގެ ތެރޭގައި ހިމެނޭ އެއް ފާމް އެވެ. އެގޮތުން ޓޮޕްސީއިން ވަނީ، މީގެ ދުވަސް ކޮޅެއް ކުރިން ޓްވިޓާއިން ކޮށްފައިވާ ހުރިހާ ޓްވީޓްތައް ހިމެނޭ "ސާޗަބްލް" ޑާޓާބޭސްއެއް އުފައްދައިފަ އެވެ. އޭގެ ތެރޭގައި ޓްވިޓާ އެންމެ ފުރަތަމަ ލޯންޗު ކުރި ފަހުން މިހާތަނަށް އެކި ފަރާތްތަކުން ކޮށްފައިވާ 400 ބިލިޔަނަށްވުރެ ގިނަ ޓްވީޓް ހިމެނެ އެވެ.
ޓޮޕްސީ ގަތުމަށް ހަރަދު ކުރީ ކިހާވަރެއްގެ އަގެއް އެޕަލްއިން ހާމަކޮށްފައި ނުވި ނަމަވެސް މި ހަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރި ވޯލްސްޓްރީޓް ޖާނަލްއިން ބުނެފައި ވަނީ، ލަފާކުރެވޭ ގޮތުގައި 200 މިލިޔަން ޑޮލަރު ޓޮޕްސީ ގަތުމަށް އެޕަލްއިން ހަރަދު ކުރާނޭ ކަމަށެވެ.
ޓުވިޓާގައި އެންމެ ނުފޫޒުގަދަ ފަރާތްތަށް ބެލުމަށްޓަކައި ބޭނުން ކުރެވޭ ޓާމްސްތައް، "ޓްރެންޑްސް" އާއި ޓްވިޓާގެ ހާއްސަ ކެމްޕެއިންތައް އަޅާކިޔުމުގައި ޓޮޕްސީއިން ދަނީ ޑާޓާސްޓިފް އަދި ޖީނިޕް ފަދަ ފާމްތަކާ ވާދަކުރަމުންނެވެ.
ޓޮޕްސީއަކީ ވޭތުވެދިޔަ ހަފްތާ ތަކުގެ ތެރޭގައި އެޕަލްއިން ގަތް މިފަދަ ދެވަނަ އެކުއިޒިޝަން އެވެ. އެގޮތުން މިދިހަ މަހު އެޕަލްއިން ވަނީ، "ތްރީޑީ މޯޝަން ޑިޓެކްޝަން ޓެކްނޯލޮޖީ" އުފެއްދުމަށް މަޝްހޫރު ފާމެއް ކަމަށްވާ އިސްރާއީލްގެ ޕްރައިމްސެންސް ގަނެފައިވާކަން ހާމަކޮށްފަ އެވެ.
މީގެ ކުރިން އެޕަލް އަކީ ސޯޝަލް މީޑިއާގައި އެހާ ނުފޫޒު ގަދަ ފަރާތަކަށް ނުވާއިރު، އެ ކުންފުނިން ސޯޝަލް މީޑިއާއަށް ތައާރަފް ކުރި "ޕިން މިއުޒިކް ޝެއަރިން ސާވިސް" ވަނީ ކަސްޓަމަރުންގެ ހިތްތަކުން އެކަށޭނަ ޖާގައެއް ނުލިބި ފެއިލް ވެފަ އެވެ.
އެޕަލް އިން އެންމެ ފަހުން އެ ކުންފުންޏަށް ގަތް ޓޮޕްސީ ގަނެފައިވާ ކަން މީޑިއާއަށް ކަށަވަރުކޮށް ދިން ނަމަވެސް، އެއާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހިއްސާ ކުރުމަށް އެ ކުންފުނިން ވަނީ އިންކާރު ކޮށްފަ އެވެ.
"އެޕަލްއިން މިދަނީ ކުދިކުދި ޓެކްނޯލޮޖީ ކުންފުނިތައް ގަންނަމުން. އެހެން ނަމަވެސް އެފަދަ ކުންފުނިތައް އަހަރެމްނެ ގަންނަ ބޭނުން އާންމުކޮށް ހިއްސާކުރާ ގޮތަކަށް ނޫން އޮންނަނީ،" އެޕަލްގެ ތަރުޖަމާނު ބީބީސީއަށް ބުންޏެވެ.
ޓެކްނޯލޮޖީ ދިރާސާ ކުރާފަރާތްތަކުން ބުނެފައި ވަނީ، އެޕަލްގެ ތަފާތު އުފެއްދުން ތަކަށް ޓޮޕްސީގެ ބޭނުން ހިފިދާނޭ ކަމަށާއި އޭގެ ތެރޭގައި ސޯޝަލް މީޑިއާގައި ޕޮރިޑަކްސްޓްތަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަށް ވެސް ހިމެނޭ ކަމަށެވެ.
"ޓްވީޓާފަދަ ޕްލެތްފޯމް ތަކުގައި އެތައް މިލިޔަން ބަޔަކު އެދަނީ އެމީހުންގެ ހިޔާލުތައް ހިއްސާ ކުރަމުން،" ޑިޖިޓަލް މާކެޓިން އަށް ހާއްސަ ކުންފުންޏެއް ކަމަށްވާ ލުވިސް ޕަލްސްގެ ހެޑް އޮފް އޭޝިއާ ޕެސިފިކް ސަންޖަނާ ޗަޕާލީ ބީބީސީއަށް ވިދާޅުވި އެވެ. "ކުންފުނިތަކާ ބެހޭގޮތުން މީހުން ދައްކާ މަޝްހޫރު ވާހަކަތަކާއި އަދި އެމީހުން ބޭނުންވާ ގޮތްތައް މިފަދަ ވަސީލަތެއް ބޭނުންކޮށްގެން ހޯދިދާނެ. ކުންފުނިތަކުން ބޭނުންވާނީ، މިފަދަ ވާހަކަތައް ފުރާނާލައިގެން މުހިންމު ކަންކަން ދެނެގަތުން."
އޭނާ ވިދާޅުވީ، އެޕަލްގެ އުފެއްދުން ތަކަށް ކަސްޓަމަރުން ބޭނުންވާ ފަދަ ބަދަލުތަކެއް ގެނައުމަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ ޓޫލެއްގެ ގޮތުގައި އެޕަލްއަށް ޓޮޕްސީ ލެބް ބޭނުން ކުރެވޭނޭ ކަމަށެވެ.
ބައެއެސް އެނަލިސްޓުން ގަބޫލުކުރާ ގޮތުގައި އެޕަލްއަށް އެކުންފުނީގެ އަމިއްލަ ބައެއް ޑާޓާތައް ހިމެނޭ އެޕްސްޓޯރު ފަދަ ވަސީލަތްތަކަށް ވެސް ޓޮޕްސީގެ ބޭނުން ހިފިދާނެ އެވެ.
"އެފަދަ އުފެއްދުންތައް އެޕަލްގެ އުފެއްދުންތަކާ އެއްކޮށްލައިގެން، އެނަލެޓިކަލް ގާބިލްކަން އިތުރުކޮށް ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ތަޖްރިބާތަކެއް ފޯރުކޮށްދެވިދާނެ،" ކޮންސަލްޓިން ފާމެއް ކަމަށްވާ ފްރޮސްޓް އެންޑް ސަލިވަންގެ މެނޭޖިން ޑައިރެކްޓަރު މަނޯޖް މެނަން ވިދާޅުވި އެވެ.