Last Updated: 1 decade 2 year ago
މިއަދު އެ މަޝްރޫއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސަރުކާރުން ބޮޑެތި މަޝްރޫއުތައް ހިންގުމަށް އުފައްދަވާފައިވާ އިގުތިސާދީ ކައުންސިލްގެ ކޯ-ޗެއާ އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ޕީޕީއެމްގެ އިގުތިސާދީ މެނިފެސްޓޯގައި ހިމެނޭ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫއަކީ މާލެ-ހުޅުލެ ބުރިޖްގެ މަޝްރޫއު ކަމަށެވެ.
މިގޮތުން މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އަދީބް ވިދާޅުވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ މައުލޫމާތު ދެއްވަމުން އިކޮންމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބްރިޖްގެ ޕްރޮޖެކްޓަށް ބޭނުން ވަނީ، އެބްރިޖް ޑިޒައިންކޮށް، ހިންގާ އަދި މެއިންޓެނަންސްގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ފަރާތެއް ކަމަށެވެ.
"ބައެއް ގައުމުތަކުގައި އެބަހުރި ޑިޒައިން، ބިލްޑް އެންޑް އޯން ނުވަތަ ޑިޒައިން، ބިލްޑް އެންޑް ޓްރާންސްފާ ކަހަލަ އުސޫލުތައް (މިފަދަ ޕްރޮޖެކްޓް ހިންގާފައި). އަޅުގަނޑުމެން މިހޯދަނީ ޑިޒައިން، ބިލްޑް، އޮޕަރޭޓް އަދި މެއިންޓެނަންސްގެ މަސައްކަތްކުރާނެ ބައެއް." ސައީދު ވިދާޅުވި އެވެ.
އިކޮނަމިކް މިނިސްޓަރު ވިދާޅުވީ މިޕްރޮޖެކްޓަކީ އެހާ އުދަނގޫ ކަމެއް ނޫން ނަމަވެސް އެއީ ގޮންޖެހުން ގިނަ ޕްރޮޖެކްޓެއް ކަމަށެވެ.
"މިއީ އެހާ އުދަނގޫ ކަމެއް ނޫން. ނަމަވެސް ޗެލެންޖިންގް މަސައްކަތެއް. އެކަމަކު މިއީ ރައްޔިތުން ބޭނުންވާ ކަމެއް. މިކަން ކުރުމަށް މިހާރުން މިހާރަށް މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަން ފާހަގަކުރަން،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު އަދީބު ވިދާޅުވީ މިހާރު ބޭނުން ވަނީ ވީހާ ވެސް ގިނަ ބަޔަކު ތަފާތު ގިނަ ޕްރޮޕޯސަލްތަކެއް ހުށަހަޅައިގެން، ބްރިޖް ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ގޮތެއް ތިލަކުރުން ކަމަށެވެ.
އަދީބް ވިދާޅުވީ ލޯނުތަކެއް ނަގައިގެން އެކަން ކުރަން ސަރުކާރުން ބޭނުންނުވާ ކަމަށާއި އޭގެ ބަދަލުގައި ހޯދަނީ ކޮންޓްރެކްޓާ ފައިނޭންސް ނުވަތަ އަމިއްލަ ހަރަދުގައި މަޝްރޫއު ކުރިއަށް ގެންދާނެ ބައެއް ހޯދުން ކަމަށެވެ. އަދި އެ މަސައްކަތުގެ ބަދަލުގައި ސަރުކާރުން މަޝްރޫއާ ހަވާލުވާ ބަޔަކަށް ހާއްސަ އިނާޔަތްތަކެއް ދިނުން ފަދަ ކޮމާޝަލް ބައިތަކެއް މަޝްރޫއުގެ ތެރެއަށް ވަދެގެން ދާނެ ކަމަށް އަދީބް ވިދާޅުވި އެވެ.