03 Dec 2013, 12:56
ސަރުކާރުގެ މުއައްސަސާތަކަށް މާލޭގައި އިމާރާތެއް ގާއިމް ކުރުމުގެ މަސައްކަތް މިއަންނަ އަހަރުތެރޭގައި ފެށޭނެ ކަމަށް ފިނޭންސް މިނިސްޓުރީއިން ބުނެފި އެވެ.
މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީއިން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ފިނޭންސް މިނިސްޓާ މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މިނިވަން މުއައްސަސާތަކަށް ހާއްސަ އިމާރާތެއް ކޮންޓުރެކްޓާ ފައިނޭންސް އުސޫލުން ގާއިމް ކުރުން ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުގައި ވެސް އެކަން ހިމަނާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން 2014 ވަނަ އަހަރުގެ ބަޖެޓުގައިވެސް ހިމަނާފައި އޮންނާނެ ކޮންޓުރެކްޓާ ފައިނޭންސްގެ ގޮތުގައި އިމާރާތްތަކުރުމަށް ފިނޭންސް މިނިސްޓުރީގެ ގޯތިތެރެގައި، އެހެންވީމަ އަޅުގަނޑަށް ގަބޫލްކުރެވެނީ އިމާރާތެއް ހެދުމުން އިމާރާތުގެ ދަތިކަން ލިބިފައިވާ ފަރާތްތަކަށް ހައްލުލިބިގެންދާނެ،" މަނިކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބައެއް ކުންފުނިތަކާއި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ވެސް އިމާރާތުގެ ދަތިކަން އިންތިހާއަށް ފޯރާފައިވާއިރު ސަރުކާރަށް އެކަމަށް އޮތް ހައްލަކީ ސަރުކާރުން އިމާރާތެއް ހެދުން ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ 15 ބުރިއަށް އިމާރާތެއް ހެދުން ކަމަށާއި އެއީ ދައުލަތައް އާންމުދަނީވެސް ލިބޭނެ އިމާރާތަކަށް ވާނެ ކަމަށް މަނިކު ވިދާޅުވިއެވެ.
އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވީ އެއޮފީސް ހިންގަމުންދާ ހުރަވީ ބިލްޑިން އަކީ ވަރަށް ދުވަސްވެފައިވާ އިމާރާތަކަށް ވުމުން އެ އޮފީހުގެ މުއައްޒިފުން މަސައްކަތް ކުރަމުން ދަނީ ވަރަށް ދަތިކޮށް ކަމަށެވެ. އަދި އޮޑިޓް އޮފީސް ހިންގެވުމަށް ވަރަށް އަވަހަށް އިމާރާތެއް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވީ މިހާރު ފިނޭންސް މިނިސްޓުރީ ހިންގަމުންދާ އިމާރާތުގައި ކުރިން އޮޑިޓް އޮފީސް ހިންގަމުންދަނިކޮށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޮޑިޓް އޮފީސް ހުރަވީ ބިލްޑިންއަށް ބަދުކޮށް ވަރަށް އަވަހަށް އިތުރު އިމާރާތެއް ހަމަޖައްސައިދޭނެ ކަމަށް އޭރު ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެކަމަށް އަލިމަގެއް ދައްކާފައިނުވާކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ސަރުކާރާއި ކުރެވުނު މަޝްވަރާތަކަށްފަހު އޮޑިޓް އޮފީސް ގާއިމް ކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އެބިމުގައި އިމާރާތެއް އެޅުމަށް ބޭރުގެ ބައެއް ފަރާތްތަކުގެ ފަރާތުން ފައިސާ ލިބޭނެ ކަހަލަ އިޝާރާތެއް ވެސް ލިބިފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެބިމުގައި އަޅަން ބޭނުމީ 5000 ސުކެއާ ފީޓްގައި ގާތްގަނޑަކަށް އަށް ބުރީގެ އިމާރާތެއް ކަމަށެވެ.