03 Dec 2013, 12:03
ރާއްޖޭގެ މައުލޫމާތު ފުރިހަމަނުވުމުގެ ސަބަބުން ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް (ޓީއައި) އިން ކޮންމެ އަހަރަކު ވެސް ޝާއިއުކުރާ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި) ގައި ޖެހިޖެހިގެން ދެ ވަނަ އަހަރު ރާއްޖެ ހިމެނިފައި ނުވާ ކަމަށް ޓްރާންސް ޕޭރަންސީ މޯލްޑިވްސް (ޓީއެމް) އިން ބުނެފި އެވެ.
މިއަދު ޓީއައިގެ ސީޕީއައި ނެރެފައިވާއިރު، ޓުވީޓަކަށް ޖަވާބުދެމުން ޓީއެމްއިން ބުނީ ސީޕީއައިގައި ގައުމެއް ރޭންކުކުރެވެނީ ތިން މަސްދަރަކުން މައުލޫމާތު ލިބުމުން ކަމަށެވެ.
"މައުލޫމާތު ހޯދަނީ އައިއެމްއެފް، ވޯލްޑް ބޭންކު، އޭޑީބީ ފަދަ ތަންތަނުން. ރާއްޖޭގެ މައުލޫމާތު މިކަހަލަ ތިން މަސްދަރެއްގެ ފަރާތުން ލިބިފައެއް ނުވޭ،" ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.
ކޮރަޕްޝަންސް ޕާސެޕްޝަންސް އިންޑެކްސްގައި 2012 ވަނަ އަހަރު ވެސް ރާއްޖެ ހިމެނިފައެއް ނުވެ އެވެ.
ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސްއަކީ ގައުމުތަކުގެ ޕަބްލިކް ސެކްޓާގައި ކޮރަޕްޝަން އޮތް މިންވަރު ކަމަށް ބެލެވޭ މިންވަރު އަންގައިދޭ ރޭންކިންގް އެކެވެ. ދެހާސް އެގާރަ ވަނަ އަހަރު މިރޭންކިންގައި ސްކޯ ދީފައި ވަނީ ސުމަކުން 10 އަކާ ދޭތެރޭގަ އެވެ. ސުމެއް ލިބިއްޖެ ނަމަ އެއީ އެންމެ ކޮރަޕްޓެވެ. އަދި 10 އަކީ ކޮރަޕްޝަން އެއްވެސް މިންވަރަކަށް ނެތުމެވެ.
ދެހާސް އެގާރަ ވަނަ އަހަރު ސީޕީއައިގައި ރާއްޖެ އޮތީ 134 ވަނާގަ އެވެ. 2011 ވަނަ އަހަރު ރާއްޖޭގެ ސްކޯއަކީ 2.5 އެވެ. އެއީ 2010 ވަނަ އަހަރު މިރޭންކިންގެ 143 ވަނާގައި އޮތުމަށް ފަހު ރާއްޖެ ހޯދި ކުރި އެރުމެކެވެ.
މިއަހަރުގެ ރޭންކިންގައި ސްކޯ ދީފައި ވަނީ ސުމަކުން 100 އާ ދޭތެރޭގަ އެވެ. އަދި 100 ގެ މާނައަކީ ކޮރަޕްޝަން އެއްވެސް މިންވަރަކަށް ނެތުމެވެ.
މިއަހަރުގެ ރޭންކިންގްއަށް ބަލާއިރު، އެއްވަނާގައި އުޅެނީ ޑެންމާކް އަދި ނިއު ޒީލެންޑެވެ. ގަދަ ދިހައެއްގައި އުޅޭ ގައުމުތަކަކީ ފިންލެންޑް، ސްވިޑަން، ނޯވޭ، ސިންގަޕޯ، ސްވިޒަލެންޑް، ނެދަލެންޑްސް، އޮސްޓްރޭލިޔާ އަދި ކެނެޑާ އެވެ. އެއީ ކޮރަޕްޝަން އެންމެ ދަށް ގައުމުތަކެވެ.
މިއަހަރުގެ ރޭންކިންގެ އެންމެ ފުލުގައި އުޅެނީ ސޯމާލިއާ، އުތުރު ކޮރެއާ އަދި އަފްގާނިސްތާނެވެ.
ސާކުގެ ގައުމުތަކަށް ބަލާއިރު އެންމެ ކޮރަޕްޝަން ދަށް ގައުމަކީ ބޫޓާން އެވެ. މިއަހަރުގެ ސީޕީއައިގެ 31 ވަނާގައި ބޫޓާން އޮތް އިރު، ސްރީ ލަންކާ އޮތީ 91 ވަނާގަ އެވެ. އަދި 94 ވަނާގައި އިންޑިއާ އޮތް އިރު، 116 ވަނާގައި ނޭޕާލް، 127 ވަނާގައި ޕާކިސްތާން، 136 ވަނާގައި ބަންގުލަދޭޝް އަދި އެންމެ ދަށުން 175 ގައި އޮތީ އަފްގާނިސްތާނެވެ.