03 Dec 2013, 11:32
ރާއްޖެޓީވީގައި ރޯކޮށްލި މައްސަލައާއި ގުޅިގެން ދެ ފަހަރެއްގެ މަތިން ހޯދަން އިއުލާންކޮށްފައިވާ މީހަކު މާލޭގެ ގެއެއްގެ ތެރޭ ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ.ގަސްވާ، މުހައްމަދު މީޢާދު 35، އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ ހ. ރޯޒަރީލައިޓް ގޭގައި ފިލައިގެން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ 11:50 ހާއިރު ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ޕޮލިސް އިންޓަލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ރޯޒަރީލައިޓްގެއިން ކުއްޔަށް ދޫކޮށްފައިވާ އެގޭ ގްރައުންޑް ފްލޯގައި ވަކިންހުރި ކޮޓަރިއެއްގެ ތެރޭ މީޢާދު އެކަނި ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރާއްޖެޓީވީ ހިންގާ ބީކޭޓީ ބިލްޑިންގައި ރޯކޮށްލި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 13 ވަނަ ދުވަހާއި 18 ވަނަ ދުވަހު ވެސް ވަނީ މީޢާދު ހޯދަން އިއުލާން ކޮށްފަ އެވެ.
މީޢާދުގެ އިތުރުން އެ މައްސަލައާ ގުޅިގެން މީގެ ކުރިން ވަނީ ހަތް މީހަކާ ކުޑަކުއްޖަކު ހައްޔަރުކޮށްފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަތިހު 4:42 އެހައިކަންހާއިރު ރާއްޖެ ޓީވީގައި ހުޅުޖެހުމުގެ ސަބަބުން ބީކޭޓީ ބިލްޑިންގައި ހުންނަ ކޮމްޕިއުޓާ ޕްލަސްގެ ގުދަނުގައި ހުރި ހުރިހާ ތަކެއްޗެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި ރާއްޖެޓީވީގައި ހުރި ހުރިހާ އިކުއިޕްމަންޓެއް ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.
ފުލުހުން ރޭ ހައްޔަރު ކުރި މީޢާދަކީ، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެ މިދިޔަ މަހުތެރޭ އޭނާގެ ޣައިރު ހާޒިރުގައި 10 އަހަރަށް ޖަލަންލާން ހުކުމް ކޮށްފައި ހުރި މީހެކެވެ.
މަސްތުވާތަކެތީގެ އެމައްސަލައިގައި މިޢާދު ހައްޔަރުކޮށްފައިވަނީ 2011 ވަނަ އަހަރު ފުލުހުން ހިންގި “އޮޕަރޭޝަން ޗެލެންޖް” ގައި ހ. ފަށަންގޭގެ ފަސް ވަނަ ފަންގިފިލާގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ބާރުގެ ބޭނުންކޮށްގެން ފުލުހުން އެ އެޕާޓްމަންޓަށް ވަނުމުން ފިލަން މަސައްކަތް ކުރަނިކޮށެވެ.