ޕީއޭއާ ގުޅުމުން ރަނގަޅު ގޮތެއް ވާނެ ކަމަށް ޔާމީން ވިދާޅުވި ކަމަށް ކޯޓްގައި ހުވައި ކުރަން ބޭނުންވާ ކަމަށް އިލްޔާސް ލަބީބް ސިވިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ މައްޗަށް ޕީއޭގެ ލީޑަރު އަބްދުﷲ ޔާމީން ކުރައްވާ ދައުވާގެ ޝަރީއަތުގައި އިލްޔާސް ލަބީބް ވިދާޅުވީ "ޕީޕަލްސް އެލަޔަންސާ ގުޅުމުން ރަނގަޅު ގޮތްތަކެއްވާނެ" ކަމަށް އޭނާގެ ގާތުގައި ޔާމީން ވިދާޅުވިކަން ސާބިތު ކޮށްދިނުމަށް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ހުވައި ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.


އިލްޔާސް އެހެން ވިދާޅުވުމުން ގާޒީ ވިދާޅުވީ ހުވައި ކުރުމުގައި އުސޫލެއް ހަމަޖެހިފައި އޮންނަ ކަމަށާއި ދައުވާ ކުރާ ފަރާތުން މި މައްސަލައިގައި ހެކި ނުދެއްކިއްޖެ ނަމަ ހުވައި ކުރަން ޖެހޭނީ ފުރަތަމަ އެ ފަރާތުން ކަމަށެވެ.


ޔާމީން އަބުރުގެ ދައުވާއެއް އިލްޔާސް ލަބީބްގެ މައްޗަށް ކުރައްވާފައި ވަނީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 4.4 މިލިއަން ރުފިޔާ ހޯއްދެވުމަށެވެ.


އިލްޔާސް ލަބީބް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ބުނަނީ "ޕީޕަލްސް އެލަޔަންސާ ގުޅުމުން ރަނގަޅު ގޮތްތަކެއްވާނެ" ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ. ޔަމީންގެ ފާރާތުން ކޯޓުގައި ބުނަމުންދަނީ އެ ސިޓީގައި ވިދާޅުވެފައި ވަނީ ދޮގު ވާހަކެއް ކަމަށެވެ.  


ރައީސް ނަޝީދުގެ ކެބިނެޓް އިސްތިއުފާ ދެއްވި މައްސަލައިގައި ސަރުކާރުން ބުނެފައި ވަނީ އެބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ބައެއް މެންބަރުން ރިޝްވަތް ހުށަހަޅުއްވާފައިވާ ކަމުގެ ޝަކުވާތައް ސަރުކާރަށް ލިބުމާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކޮރަޕްޝަންގެ ތުހުމަތުގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް އެ ދެބޭފުޅުންގެ މައްޗަށް ދައުލަތުން ކޮށްފައިވާ އެ ތުހުމަތުގެ މައްސަލާގައި އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިނުވާ ކަމަށް ބުނެ ކޯޓުން ވަނީ އެ ދެބޭފުޅުން މިނިވަންކޮށްފަ އެވެ.