03 Dec 2013, 11:28
ޔުކްރެއިނުގެ އިދިކޮޅު ފަރާތްތަކުން މިހާރު ހިންގަމުން ގެންދާ ހަރަކާތްތަކުން ބަޣާވާތެއް ގެންނާން މަސައްކަތް ކުރަމުންދާ ކަމުގެ ހުރިހާ ނިޝާންތަކެއް ފެންނަ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު މިކޯލާ އަޒަރޯވް ވިދާޅުވެއްޖެއެވެ. އަޒަރޯވް މިހެން ވިދާޅުވެފައި ވަނީ ޔުކްރެއިނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އިތުރު ވެ ވަރުގަދަ ވަމުންދާ ދަނޑިވަޅެއްގައެވެ.
ވެރިރަށް ކިއެވުގައި ހުންނަ، ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ އިމާރާތް ހިފުމަށް ރޭވިފައި ވާ ރޭވުމެއްގެ މައުލޫމާތު ލިބިވަޑައިގެންފައި ވާ ކަމަށް ވެސް ބޮޑުވަޒީރު އަޒަރޯވް ވިދާޅުވިއެވެ. މި ރޭވުން ކާމިޔާބު ނުކުރެވޭނޭ ކަމަށް ވިދާޅުވަމުން، އަޒަރޯވް ވިދާޅުވެފައި ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް "އަވާމެންދުރެއް" ފެނިގެން އުޅޭ ކަމަށެވެ.
ޔުކްރެއިނުގެ އިދިކޮޅު ލީޑަރުންނަށް ތާއީދު ކުރާ، އަދި ސަރުކާރާ ދެކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރު ހިންގާ މައި އިމާރާތް ހިސާރު ކޮށް، ސަރުކާރާ ދެކޮޅަށް މުޅި ކިއެވްގައި މުޒާހަރާ ކުރަމުންނެވެ. އެމީހުން އެންމެ ބޮޑަށް ދެކޮޅު ހަދަމުން ދަނީ ޔޫރަޕުގެ އިއްތިހާދާ އެކު ވިޔަފާރީގެ ދެ އެއްބަސްވުމެއްގައި ސޮއި ނުކުރާން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެންނެވެ.
ސަރުކާރު ހިންގާ އިމާރާތް ހިސާރު ކުރުމުގެ ސަބަބުން، ކެބިނެޓުގެ މެންބަރުންނާއި ވުޒާރާތަކުގެ މުއައްޒަފުންނަށް މަސައްކަތަށް ނުނުކުމެވި، އެތައް އޮފީހެއްގެ މަސައްކަތްތައް ވެސް ވަނީ ހުއްޓިފައެވެ.
މި ދިޔަ ހަފުތާބަންދުގައި ބޭއްވި ހަރުކަށި މުޒާހަރާތަކުގައި އެތައް ބަޔަކު ޒަޚަމް ވުމާ ގުޅިގެން، ޔުކްރެއިނުގެ ރައީސް ވިކްޓަރ ޔަނުކޮވިޗް ގޮވައިލައްވައިފައި ވަނީ ސުލްހަވެރި ގޮތުގައި މުޒާހަރާތައް ކުރުމަށާއި، ހަރުކަށިކަމާއި ގަދަބަދަވިކަން ދޫކޮށްލުމަށެވެ.
އާދީއްތަ ދުވަހުގެ ރެއިން ފެށިގެން، ކިއެވްގެ މިނިވަންކަމުގެ މައިދާނުގައި ޓެންޓުތައް ޖަހައިގެން ތިބެ، މުޒާހަރާ ކުރާ މީހުން ގެންދަނީ ސަރުކާރު އިސްތިއުފާ ދޭން ގޮވައިލަމުންނެވެ. ޔުކްރެއިނުގެ ރައީސް ޔަނުކޮވިޗް މަގާމުން އިސްތިއުފާ ދެއްވުމަށާއި، "ސިޔާސީ އަނިޔާވެރިކަން" ދޫކޮށްލެއްވުމަށް ވެސް އެމީހުން ގެންދަނީ ގޮވަމުންނެވެ.
އިއްޔެގެ ހަވީރުގެ ވަގުތެއްގައި ރައީސް ޔަނުކޮވިޗް ވަނީ ޔޫރަޕުގެ އިއްތިހާދުގެ ވެރީންނާ ބައްދަލު ކުރުމަށް ޓަކައި ޚާއްސަ ވަފުދެއް ބެލްޖިއަމަށް ދިޔުމުގެ ފުރުސަތު ދެއްވުން އެދިވަޑައިގެން އިއްތިހާދުގެ ޒައާމަތަށް ދަންނަވައިފައެވެ. އެ ފުރުސަތު ޔުކްރެއިނަށް ދެއްވާނެ ކަމަށް އިއްތިހާދުގެ ރައީސް ހޯސޭ މެނުއަލް ބަރާސޯ ވިދާޅުވެފައި ވާ އިރު، އޭނާ ވިދާޅުވެފައި ވަނީ ޔުކްރެއިނަށް ލިބޭނީ ކުރީން ވެސް ސޮއި ކުރާ ގޮތަށް އޮތް ދެ އެއްބަސްވުމުގައި ސޮއި ކުރުމަށް ލިބޭ ފުރުސަތެއް ކަމަށާއި، އާ އިޚްތިޔާރުތަކަކާ ބެހޭގޮތުން ވާހަކައެއް ނުދެކެވޭނެ ކަމަށެވެ.
ޔުކްރެއިނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށިފައި ވަނީ މީގެ ހަފުތާއެއްހައި ދުވަސް ކުރީންނެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ކޮންމެ ދުވަހަކު މުޒާހަރާތައް ބޭއްވިފައި ވާއިރު، އެތައް ލައްކަ ބަޔަކު މުޒާހަރާތަކުގައި ބައިވެރި ވެފައި ވެއެވެ.