ސިފައިންގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން ވިދާޅުވީ ވަޒީފާ އަށް މީހުން ނެގުމުގައި ސީދާ ވަކި އަދަދެއް އަދި ކަނޑައަޅާފައިނުވާ ކަމަށާއި އެކަން ނިންމާނީ އިންޓަވިއުއަށް ފަހު ކަމަށެވެ.

ސިފައިންގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ދާއިރާތަކަކީ މެރިންކޯ، ސްޕެޝަލް ފޯސަސް، ފަޔާ އެންޑް ރެސްކިއު ސާވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، މިލިޓަރީ ޕޮލިސް، މެޑިކަލް ސާވިސް، ކޯ އޮފް އިންޖިނިއާސް، ސާވިސް ކޯ އަދި ކޯސްޓްގާޑެވެ.

އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭ ހިމެނެނީ ދިވެހި ރައްޔިތަކަށް ވުމާއި ޖީސީ އޯލެވެލް ފެންވަރު ނުވަތަ އެ ފެންވަރުގެ ސެޓްފިކެޓެއް އޮތުމާ އެކު އުމުރުން 18 އަހަރު ފުރި 28 އަހަރު ނުފުރޭ މީހަކު ކަމުގައި ވުމެވެ. އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވުމާއި ވޭތުވެ ދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން ހިމެނެ އެވެ. މީގެއިތުރުން ވެސް ފިރިހެނަކު ނަމަ އިސްކޮޅުގައި ފަސް ފޫޓު ފަސް އިންޗި ހުންނަން ޖެހެ އެވެ. އަދި އަންހެނަކު ނަމަ ފަސް ފޫޓު ތިން އިންޗި ހުންނަން ޖެހެ އެވެ.

އެމްއެންޑީއެފުން ބުނީ ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކުން ވީއްލުމުގެ ޕްރޮގްރާމުގެ ދަށުން ވަޒީފާ އިން ވަކިވެފައިވާ މީހެއްކަމުގައި ވެގެންނުވާނެ ކަމަށާއި އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ވެގެން ނުވާނެ ކަމަށެވެ.

އެވަޒީފާތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމް ފުރުއްވުމަށް ފަހު މިމަހުގެ 15ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، ތަފާތު ތުހުމަތު ތަކުގައި ގިނަ އަދަދެއްގެ ސިފައިންގެ އޮފިސަރުންތަކެއް ދާދިފަހުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.