03 Dec 2013, 10:47
މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ ހުޅުމާލެ ބްރިޖް އެޅުމަށް ހުޅުވާލުމާ ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވާނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް ދެއްވާނީ، އެކަމަށް ޓަކައި މިއަދު މެންދުރު ފަހު 1:00ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވަވާ ޕްރެސް ކޮންފަރެންސެއްގައި މި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން ކަމަށް އެ އޮފީހުން ބުންޏެވެ.
މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމަކީ އާ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މަޝްރޫއުއެކެވެ. އަދި ޕީޕީއެމްގެ ކެމްޕޭން ދުވަސްވަރު ރައީސް އަބްދުﷲ ޔާމީން ވަނީ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހުޅުމާލެ އާއި މާލެއާ ދެމެދު ބްރިޖް އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.