ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ފިހާރަ އެމޭޒަންއިން ޓެސްޓް ކުރަމުންދާ "ޑްރޯން ޑެލިވަރީ ސާވިސް" އެންމެ ފުރިހަމަ ގޮތުގައި ފަށައިގަންނަން ފަސް އަހަރު ނަގާނެ ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޖެފް ބޭޒޯސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސީބީއެސްގެ "60 މިނަޓްސް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ބޭޒޯސް ވިދާޅުވީ އެ ވާހަކައަކީ ސައިންސް ފިކްޝަން ވާހަކައެއް ހެން ހީވި ނަމަވެސް، އެއީ ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި ދެ ކިލޯގްރާމް ނުވަތަ ފަސް ޕައުންޑުގެ ބަރުދަން ހުންނަ ޕެކޭޖްތައް 30 މިނެޓުން ވާސިލްވެވޭ މަންޒިލްތަކަށް ގެންދެވޭނެ ކަމަށް ލަފާކުރެވިފައިވާ ކަމަށް ބޭޒޯސް ވިދާޅުވި އެވެ.

"މި ވާހަކައަކީ ސައިންސް ފިކްޝަން ކަމަށް ހީވާނެ ކަން އިނގޭ. އެކަމަކު މީ ހަގީގަތެއް. ބައި ގަޑިއިރުގެ ޑެލިވަރީތައް ކުރެވިދާނެ. އަހަރުމެންނަށް ލަފާކުރެވޭ ގޮތުން ފަސް ޕައުންޑުގެ ބަރުދަން ހުންނަ ޕެކޭޖުތައް މިގޮތަށް ފޮނުވިދާނެ. އެއީ ގާތްގަނޑަކަށް އެމޭޒަންގެ ޑެލިވަރީތަކުގެ 86 ޕަސަންޓް،" ބޭޒޯސް ވިދާޅުވި އެވެ.

އެމޭޒަންއިން ކުރިން ބުނެފައި ވަނީ މިހާރު ޓެސްޓް ކުރަމުންދާ ނިޒާމުގައި ބޭނުންކުރާ ޑްރޯންތަކަކީ "އޮކްޓޯކޮޕްޓާސް" ޑްރޯންތަކެއް ކަމަށާއި އެ ހިދުމަތް ދެވޭނީ "ޕްރައިމް އެއާ" ނަން ދީފައިވާ ޑެލިވަރީ ހިދުމަތެއް މެދުވެރިކޮށް ކަމަށެވެ.

މިގޮތުން އެމޭޒަންގެ ގުދަނަކުން ޕެކޭޖެއް ހިފައިގެން ކަސްޓަމަރެއްގެ ގެއަށް ޑްރޯންއެއްގައި ފޮނުވައިދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އެމޭޒަންއިން ވަނީ އާއްމުކޮށްފަ އެވެ.

އެމޭޒަންއިން ޑްރޯން ބޭނުންކުރާ ޑެލިވަރީގެ ހިދުމަތެއް ޓެސްޓްކުރަމުންދާ ނަމަވެސް، އެ ހިދުމަތް ފެށޭނީ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ޑްރޯން ބޭނުންކުރުމުގެ ހުއްދަ ދިނުމުން ނެވެ.

މިހާތަނަށް އެފްއޭއޭއިން ޑްރޯން ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ އަސްކަރިއްޔާ އަދި ފުލުހުންގެ ޑިޕާޓްމަންޓްތަކަށެވެ. ލަފާކުރެވިފައިވާ ގޮތުން އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރޭގައި ޑްރޯން ބޭނުންކުރުމުގެ ހުއްދަ އާއްމުކޮށް އެމެރިކާއިން ހުޅުވާލާނީ 2015 ވަނަ އަހަރުގަ އެވެ.

https://www.youtube.com/watch?v=Le46ERPMlWU