03 Dec 2013, 10:33
މިރެއިން ފެށިގެން ދުނިޔޭގެ އުޑުމަތީގައި އާދަޔާހިލާފު "ދައްކާލުންތަކެއް" ދައްކާލާނެ ކަމަށް އެސްޓްރޮނޮމަރުން ލަފާކުރި ދުންތަރި ކޮމެޓް އައިސޮން އެއްކޮށް އަނދާފާއިވާ ކަމަށް އެމެރިކާގެ ގައުމީ ޖައްވީ އިދާރާ ނާސާއިން ބުނެފި އެވެ.
ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ދުންތަރި އައިސޮން އިރުގެ ކޮރޯނާގެ ތެރެއިން ދަތުރުކުރުމަށް ފަހު ދުންތަރިއަށް ވީ ގޮތަކާ މެދު އަދި އެއްޗެއް ނުބުނެވޭނެ ކަމަށް ބުނެ މިއަދާ ހަމައަށް ނާސާއިން ވަނީ ހިފަހައްޓާފަ އެވެ. އެއީ އިރުގެ ކޮރޯނާގެ ނުރައްކާތެރި ސަރަހައްދުގެ ތެރެއިން އައިސޮން ކުރި ދަތުރަށް ފަހު ވެސް، އައިސޮންގެ ކުޑަ މިންވަރެއް ސަލާމަތްވި ކަމަށް ނާސާގެ ސޯލާ އެންޑް ހީލިއޯސްފީރިކް އޮބްޒަވެޓޮރީ (ސޯހޯ) އިން ނަގާފައިވާ ބައެއް މަންޒަރުތަކުން ފެންނާތީ އެވެ.
ނަމަވެސް މިއަދު ނާސާ އިން ބުނީ އިރުގެ ކޮރޯނާގެ ތެރެއިން އައިސޮން ކުރި ދަތުރަށް ފަހު، އައިސޮންގެ ބައެއް ސަލާމަތްވި ކަމަށެވެ. ނަމަވެސް މިހާރު ސަލާމަތްވި ބައިވެސް އެއްކޮށް އަނދާ "އަޅިއަށް" ވެފައިވާ ކަމަށް ނާސާ އިން ބުނެ އެވެ.
ހަތަރެއް ފަހެއް ބިލިއަން އަހަރުވެފައިވާ ކަމަށް ސައެންސްވެރިން ލަފާކުރާ ދުންތަރި އައިސޮން އަނދާފައި ވަނީ އިރުގެ ކޮރޯނާ ތެރެއިން އިރާ އެންމެ 684،000 މޭލު ދުރުން ކުރި ދަތުރުގައި އިރުގެ ނުރައްކާތެރި ރޭޑިއޭޝަންގެ އަސަރުކުރުމުގެ ސަބަބުން ނެވެ.
މިރެއިން ފެށިގެން މިމަސް ނިމެންދެން އުޑުމަތިން "ހަނދުގެ އައްޔަށް ވުރެ ގަދައަށް" ދިއްލާލާނެ ކަމަށް ސައެންސްވެރިން އުއްމީދުކުރި ދުންތަރި އެއްކޮށް ހަލާކުވެގެން ގޮސްފައިވާ ކަން ނާސާއިން ކަށަވަރުކޮށްދިން ނަމަވެސް، އައިސޮންގެ ހިލަމެއް ވޭތޯ އުޑުމަތި ބަލަމުންދާނެ ކަމަށް ބައެއް އެސްޓްރޮނޮމަރުން ބުނެ އެވެ.