ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަޒީރުންގެ މަޖިލީހަށް އެންމެ ފަހުން އައްޔަން ކުރެއްވި ހަތަރު ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރުމަށް ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީ އަށް މިއަދު ފޮނުވައިފި އެވެ.

ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީން ވަނީ 11 ވަޒީރަކަށް ރުހުން ދިނުމުގެ މަސައްލަ ދިރާސާ ކުރަން ފަށައިފަ އެވެ. މިއަދު ފޮނުވި ހަތަރު ނަމާ އެކު އާ ސަރުކާރުގެ 15 ވަޒީރުންގެ ނަންފުޅު ވަނީ އެ ކޮމެޓީގެ ދިރާސާ އަށް ހުށަހަޅައިފަ އެވެ.

ރުހުން ހޯދުމުގެ ކުރިން ދިރާސާ ކުރުމަށް ކޮމެޓީ އަށް މިއަދު ފޮނުވި ނަންފުޅުތަކަކީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް އާއި ހެލްތު އެންޑް ޖެންޑަ މިނިސްޓަރު ޑރ. މަރްޔަމް ޝަކީލާ އާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އަދި ބަންޑާރަނައިބު މުހައްމަދު އަނިލްގެ ނަންފުޅެވެ.

ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީން ދިރާސާ ކުރަން ފަށާފައިވާ ނަންފުޅުތަކަކީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހަންމަދު ޝައިނީ އާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އާއި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުގެ ނަންފުޅެވެ.

މި މަހުގެ 23 ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށް ނިންމުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިދިޔަ ބުދަ ދުވަހު ވަނީ އަންގަވައިފި އެވެ. ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީން މުގައްރިރު އަލީ ވަހީދު ވިދާޅުވެފައި ވަނީ ވަޒީރުންނާ ބެހޭ މައުލޫމާތު ދައުލަތުގެ މުއައްސަސާތަކުން ހޯދައި ކޮމިޓީގައި ބަހުސް ފަށާނީ މި މަހުގެ 15ގެ ފަހުން ކަމަށެވެ.