ބީބީސީ އިން ހޮވާ 2013 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މެންޗެސްޓާ ސީޓީއަށް ކުޅޭ އައިވަރީކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭއަށް ލިބިއްޖެ އެވެ.

ފާއިތުވީ ހަތަރު އަހަރު ވެސް މި މަގާމަށް ވާދަކުރި ޓޫރޭ މިފަހަރުގެ އެވޯޑް ހާސިލްކުރީ، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ ގެބޯން ފޯވާޑް ޕީރޭ އެމަރިކް އައުބަމެޔަންއާއި، ލޯންގެ ދަށުން ލިވަޕޫލަށް ކުޅޭ ޗެލްސީގެ ނައިޖީރިއާ މިޑްފީލްޑަރު ވިކްޓާ މޫސާއާއި ޗެލްސީގެ ނައިޖީރިއާ މިޑްފީލްޑަރު ޖޯންއޮބީ މިކޭލްއާއި، ފްރާންސްގެ ރެނައިސްއަށް ކުޅޭ ބުރްކިނާ ފާސޯގެ ޑިފެންޑަރު ޖޮނަތަން ޕިޓްރޮއިޕާ ފަދަ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށް ފަހުއެވެ.

އުމުރުން 30 އަހަރުގެ މިޑްފީލްޑަރު ބީބީސީއަށް ބުނީ، "ޖެހިޖެހިގެން ފަސްފަހަރު ނޮމިނޭޓް ވުމަށްފަހު އެންމެ ފަހުން މި އެވޯޑް ލިބުމުން ބުނަން ނޭނގޭފަދަ އުފާވެރި އިހްސާސްތަކެއް ކުރެވުނު،" ކަމަށެވެ.

"މިއީ ވަރަށް ބޮޑު އެވޯޑެއް. ސަބަބަކީ އަހަރެން ދެކޭގޮތުގައި މިހާރު އެފްރިކާގައި ކުރިއާ އަޅާ ބަލާއިރު ބައިނަލްއަގްވާމީ ފެންވަރުގަ ކުޅޭ ވަރަށް ބައިވަރު މޮޅެތި ކުޅުންތެރިން އެބަތިބި. އައުބަމެޔަން، ޕިޓްރޮއިޕާ، މިކޭލް، ކާލޫ، ޖަވީނިއޯ... އަހަރެމެންގެ ތެރޭގައި ވަރަށް މޮޅެތި ކުޅުންތެރިން އެބަތިބި،" ޓޫރޭ ބުންޏެވެ.

ޓޫރޭ ބުނީ އެފްރިކާގެ ފުޓްބޯޅަ ކުރިއަރަމުން އެބަދާ ކަމަށާއި އަދި އަދި އެއީ އެފްރިކާގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށާއި، އެފްރިކާގެ ރައްޔިތަކަށް ވީތީ އުފާކުރާ ކަމަށެވެ.

ކުޅުންތެރިން ޝޯޓްލިސްޓް ކުރަނީ އެފްރިކާގެ 44 ފުޓްބޯޅައިގެ ތަޖުރިބާކާރުން އެމީހުންގެ ނަޒަރުގައި ކުޅުންތެރިންގެ ހުނަރާއި، ޓެކްނިކަލް ގާބިލްކަމާއި، ޓީމްވޯކާއި ކޮންސިސްޓެންސީ އަދި ފެއާޕްލޭއަށް ބެލުމަށް ފަހު އެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔާ ހޮވަނީ އެފްރިކާގެ ފުޓްބޯޅަ ފޭނުން ވޯޓުދީގެންނެވެ.

ބީބީސީން ބުނީ، މިފަހަރު ވޯޓުދިން މީހުންގެ އަދަދު ރެކޯޑު އަދަދަކަށް އިތުރު ވެފައިވާ ކަމަށެވެ. އެގޮތުން އޮންލައިން ކޮށް އަދި ޓެކްސްޓް މެސެޖް ފޮނުވައިގެންވެސް ވޯޓު ދީފައިވާ ކަމަށެވެ.

"ދުނިޔޭގެ އެންމެހައި ކަންކޮޅު ތަކުގައި ތިބި ފޭނުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ސަޕޯޓަރުން ދައްކުވައިދީފި އެމީހުން ކުޅުންތެރިންނާއި ބައިމީހުން ކުރާ މަސައްކަތަށް އިހްތިރާމާއި ލޯބިކުރާ މިންވަރު،" ޓޫރޭ ބުންޏެވެ.

އެފްރިކާގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ޓޫރޭ ހޮވާފައިވާއިރު މިފަހަރު، އައިވަރީ ކޯސްޓް ވޯލްޑް ކަޕަށް ކޮލިފައި ވުމުގައި ޓޫރޭގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރެވެ އެވެ. އަދި އޭނާ ވަނީ މިއަހަރު ފެށުނު ފަހުން މިއަދާ ހަމައަށް އޭނާގެ ކްލަބަށާއި ގައުމީ ޓީމަށް ޖުމުލަ 13 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

މީގެ ކުރިން އެފްރިކަށް ފުޓްބޯލާ އޮފް ދަ އިޔާ އެވޯޑް ޙާޞިލް ކޮށްފައިވާ ކުޅުންތެރިންނަކީ:

2012- ކްރިސްޓޮފާ ކެޓޯން (ޒެމްބިއާ، ހެނާން ކޮންސްޓްރަކްޝަން)
2011- އެންޑްރޭ އަޔޫ (މާސޭ، ގާނާ)
2010- އަސަމޯ ގިޔާން (ސަންޑަރލޭންޑް، ގާނާ)
2009- ޑިޑިއެ ޑްރޮގްބާ (ޗެލްސީ، އައިވަރީ ކޯސްޓް)
2008- މުޙައްމަދު އަބޫތުރިކާ (އަލް އަހްލީ، މިސްރު)
2007- އެމަނުއެލް އަޑެބަޔޯ (އާސެނަލް، ޓޯގޯ)
2006- މައިކަލް އެސިއަން (ޗެލްސީ، ގާނާ)
2005- މުޙައްމަދު ބަރަކަތު (އަލް އަހްލީ، މިސްރު)
2004- ޖޭޖޭ އޮކޮޗާ (ބޮލްޓަން، ނައިޖީރިއާ)
2003- ޖޭޖޭ އޮކޮޗާ (ބޮލްޓަން، ނައިޖީރިއާ)
2002- އަލް ހާޖީ ޑިއޯފް (ލިވަރޕޫލް، ސެނެގާލް)
2001- ސެމުއެލް އޮސެއި ކުއްފޫރު (ބަޔާން މިއުނިކް، ގާނާ) އަދި
2000- ހެންރީ ޕެޓްރިކް މްބޯމާ (ޕަރމާ، ކެމަރޫން)