އިސްލާމް ދީނަކީ ދިވެހި ދައުލަތުގެ ދީން ކަމަށް ގާނޫނު އަސާސީގައި ބުނާ މާއްދާއަށް ރައްޔިތުންގެ މަޖިލީހުން ބަދަލު ނުކުރެވޭނެ ކަމަށް ކަނޑައަޅާ ބިލު ހުށަހަޅަން ހުރަސް އެޅުމުން، ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ ނަންފުޅު އިއްވައި މަޖިލީހުގެ ތަޅުމުން އޭނާ ނެރުއްވުމަށް ސާޖަންޓް އެޓް އާމްސަށް އަންގައިފި އެވެ.

ބިލު މަޖިލީހަށް ހުށަހަޅުއްވަން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ފުރުސަތު ދެއްވުމުން، ނިޒާމީ މައްސަލައެއްގައި ވާހަކަފުޅު ދައްވަކަވަމުން އަލީ ވަހީދު ވިދާޅުވީ އެފަދަ ބިލަކާމެދު މަޖިލީހުގައި ބަހުސް ވެސް ނުކުރެވޭނެ ކަމަށެވެ. އަދި އެ ބިލާ ދެކޮޅަށް އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވެސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

އަލީ ވަހީދު ހުށަހެޅުއްވި ނިޒާމީ މައްސަލަ ރިޔާސަތުން ބަލައިނުގަތުމުން، އޭނާ ވަނީ ރިޔާސަތުގެ މޭޒުކޮޅު ކުރިމައްޗަށް އަރައި، އެފަދަ ބަހުސެއް ކުރުމަށް މަޖިލީހުގައި ފުރުސަތު ނުދިނުމަށް އެދިވަޑައިގަންނަވާފަ އެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ ގާނޫނޫ އަސާސީއަށް ހުށަހަޅާ އެފަދަ އިސްލާހަކާމެދު ބަހުސްކޮށް މަޖިލީހުން ފެންނަ ގޮތަކަށް ނިންމިދާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގެ ނިޒާމް ގެއްލުވާލުވާ ނުލުމަށް އަލީ ވަހީދަށް ރިޔާސަތުން ނަސޭހަތްތެރިވުމުން ވެސް، އެކަމަށް އިޖާބަ ނުދެއްވުމުން ރިޔާސަތުން ވަނީ އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސްމުހައްމަދު ހަލީމްއަށް އަންގަވާފަ އެވެ.

އާމިރު މަޖިލީހަށް ފޮނުވި ބިލު ބުނާ ގޮތުން އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކުން އަޣުލަބިއްޔަތު ލިބިގެން ނޫނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިގެން ނުވާނެ ކަމަށް ބުނާ މާއްދާތަކުގެ ތެރޭގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބުނާ މާއްދާ ހިމެނުމަށެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ބުނާ މާއްދާ ގާނޫނު އަސާސީ މިހާރު އޮތް ގޮތުން މަޖިލީހުން އެ ނޫން ގޮތަކަށް ބަދަލުކޮށްފިނަމަ އެ އިސްލާހެއް ތަސްދީގުކުރެއްވުމުގެ އިޚްތިޔާރު ރައީސަށް ލިބިގެންވެ އެވެ.