ކުރިއަށް އޮތް ފަސް އަހަރަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ނުވަތަ ޓްރޭޑް އިންޑަސްޓްރީ "އުފާކުރާނެ" ދުވަސްތަކަކަށް ހައްދަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ސައީދު "ސަން"އަށް ވިދާޅުވީ އިގްތިސާދީ ދާއިރާގެ ތެރެއިން ރާއްޖޭގެ އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް ގާބީލު ޒުވާން ވިޔަފާރިވެރިން އުފައްދައި ޒުވާނުންނަށް ވިޔަފާރީގެ އާ ދޮރުތައް ހުޅުއްވައި ދެއްވާނެ ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އެންމެ ބޮޑު އެއް އަމާޒަކީ ޒުވާނުން ވިޔަފާރީގެ ދާއިރާއަށް ހޭލުންތެރި ކުރުވައި ކަމުގެ ތަޖުރިބާ އާއި ހުނަރު ލިބިފައިވާ ޒުވާން ވިޔަފާރިވެރިން އުފެއްދުން ކަމަށެވެ. އެގޮތުން އެކަމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން ހުރި ހުރިހާ ކަމެއް އަދި ހުރިހާ އެހީތެރި ކަމެއް ވެދެއްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ފަސް އަހަރަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ނުވަތަ ޓްރޭޑް އިންޑަސްޓްރީ އުފާކުރާނެ ދުވަސްތަކަކަށް ހެދުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. ހަމައެކަނި އިގްތިސާދީ ދާއިރާގެ ތެރެއިންނެއް ނޫން. އެހެން ނަމަވެސް މައިގަނޑު އަމާޒަކީ އިގްތިސާދީ ދާއިރާ ތެރެއިން މައްސަލަތަކަށް ހައްލު ހޯދުން. އެއީ ރާއްޖެއަށް ރާއްޖޭގެ އިންފްރާސްޓްރަކްޗަރަށް ކުރަން ޖެހޭ ހޭދަޔާ، އެ އިންފްރާސްޓްރަކްޗާ ޑިވަލޮޕް ކުރުމަށް ކުރަން ޖެހޭނެ މަސައްކަތްތަކާއި އާ ވިޔަފާރިތައް ރާއްޖެ އަށް ތައާރަފް ކުރުމާއި އަދި ހާސްކޮށް ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވައި، ސްކިލިޑް އެޑިޔުކޭޓެޑް ބަޔަކަށް ހެދުމާއި، ވިޔަފާރީގެ ދާއިރާ އިން ޒުވާނުންނަށް އޮތް ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒް،" ސައީދު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ކުރައްވަން ގަސްތުކޮށްފައިވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޒުވާނުންނަށް އަމާޒުކޮށްގެން ހާއްސަ ކަންތައްތަކެއް ބެޖެޓްގައި ހިމެނިފައިވާނެ ކަމަށެވެ. އެގޮތުން ތަފާތު އެކި ދާއިރާތަކުން ތަފާތުއެކި ހުނަރު ހުރި ޒުވާނުންނާއި މަޝްވަރާކޮށް އެ ޒުވާނުން ކުރިއަށް ދިއުމަށް ދިމާވެފައި ހުރި ހުރަސްތައް ބަލައި އެކަންތައްތައް ހައްލުކޮށްދެއްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ކޮންމެ ދާއިރާއަކުން ކޮންމެ ރޮނގަކުން ކުރިއަށް ދާން ބޭނުންވާ ޒުވާނަކު ކަމުގައި ވިޔަސް އެކަމަށް ވެވެން އޮތް ކޮންމެ އެހީއެއް ސަރުކާރުން ވެދެއްވާނެ ކަމުގެ ޔަގީންކަން ސައީދު ދެއްވި އެވެ.

ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ދިމާވެފައިވާ ހުރަސްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނިމިގެން ދިޔަ ދެ އަހަރު ރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލިވުމުގެ ސަބަބުންނާ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ބޮއިކޮޓް ކުރުމަށް ބަޔަކު ކުރި މަސައްކަތުގެ ސަބަބުން ބޭރުގެ ވަރަށް ގިނަ އަދަދެއްގެ އިންވެސްތަރުން ރާއްޖެއަކީ އިންވެސްޓް ކުރުމަށް މާ ރަނގަޅުތަނެއް ނޫން ކަމަށް ގަބޫލު ކުރި އިންވެސްޓަރުން ތިބުން ކަމަށެވެ.

"މި ދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ވަރަށް ގިނަ ޕްރޮޖެކްޓްސްތަކެއް ހުރީ ހުއްޓިފައި. އަދި ދިވެހި ރާއްޖެއަކީ އިންވެސްޓް ކުރަން މާ ރަނގަޅު ޑެސްޓިނޭޝަނެއް ނޫން ކަމަށް ގަބޫލުކުރި އިންވެސްޓަރުން އެބަތިބި. އޭގެ އަސްލު ސަބަބަކަށްވީ ދިވެހި ރާއްޖެ ބޮއިކޮޓް ކުރަން ބޭރު ދުނިޔޭގައި ހިންގި ކެންޕޭންތައް. އޭގެ ތެރެއިން ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން ދިވެހިރާއްޖެއަކީ އިންވެސްޓް ކުރަން ކަމުދާތަނެއް ނޫނޭ އަދި ފަތުރުވެރިން ވެސް އަންނަން ކަމުދާ ތަނެއް ނޫން ކަމަށް ވާހަކަ ދެއްކި. މިހާރު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ގޮސް ގައުމު ފިތިފައި އޮވެގެން ގައުމު ބޭރު ދުނިޔޭގައި ދައްކަދީފައި އޮތް އިމޭޖަކީ ދިވެހިރާއްޖެއަކީ ހަމަނުޖެހުން ބޮޑު ތަނެއް ކަމަށާއި ޕީސްފުލް ޑެސްޓިނޭޝަން އެއް ނޫން ކަމަށާއި ވިޔަފާރި އަށް ރަނގަޅު ތަނެއް ނޫން ކަމަށް،" ޒުވާން މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ބައިނަލްއަގުވާމީ އިންވެސްޓަރުންގެ އިތުބާރު ހޯދައި ރާއްޖެއަކީ އިންވެސްޓް ކުރުމަށް އެންމެ ރަނަގަޅު މަންޒިލް ކަން ކަށަވަރު ކޮށްދިނުން ކަމަށެވެ. އެގޮތުން ރާއްޖެއަކީ އިންވެސްޓަރުންނާ ގާތް ގުޅުމެއް ބާއްވައި އަދި ދިވެހި ސަރުކަރަކީ ބޭރުގެ އިންވެސްތަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދޭނެ ސަރުކާރެއްކަން އަންގައިދިނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނިމިގެން ދިޔަ ދެ އަހަރު ރާއްޖެ އަށް ދިމާވި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނާއި ރައްޔިތުން އެކުގައި މަސައްކަތް ކުރަންވީ ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖަހައި ރާއްޖެއަކީ ވިޔަފާރިވެރިންގެ ހައްގުތައް ހިމާޔަތްކުރާ ތަނެކަށް ހަދައި ގައުމު ބިނާކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔަމީންގެ އިގްތިސާދީ ސިޔާސަތު ހަގީގަތަކަށް ހެދުމަށް ޓްރޭޑް މިނިސްޓްރީން ކުރުމަށް ރާވާފައިވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން 100 ދުވަހުގެ ރޯޑް މެޕެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މިނިސްޓްރީ ދެމުންގެންދާ ހިދުމަތްތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީކޮށް ރައްޔިތުންނާއި ވީހާ ވެސް ގާތުން ހިދުމަތް ދެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ވިހާ ވެސް ލުއިފަސޭހަކަމާ އެކު އެ މިނިސްޓްރީގެ ހިދުމަތްތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް އަވަސް މުސްތަގުބަލެއްގެ ތެރޭގައި ހަމަޖައްސަވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިހާރު އެ މިނިސްޓްރީ އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން ގެންދާ މަސައްކަތަކީ އަލަށް ވިޔަފާރީގެ ދާއިރާއަށް ނިކުންނަން ބޭނުންވާ މީހުންނަށް ކަމުގެ ފަންނީ ލަފާ ދިނުމާއި އަދި ފައިނޭންޝަލީ ދިމާވެފައިވާ ދަތިތައް ބަލައި އެ މައްސަލަތައް ހައްލު ކޮށްދިނުމަށް ޓަކައި ފައިނޭސް ކުރާ ފަރާތްތަކާއި މަޝްވަރާ ކުރުން ކަމަށެވެ. އެގޮތުން އެކަމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އަލަށް ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށް އެ ވިޔަފާރި އެއް ފަސައިގަތުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގެ މަސައްކަތް މިނިސްޓްރީ ކުރަމުންދާ ކަމަށް މިސްޓަރު ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ހަރުދަނާ ކުރުމަށް ރައީސް ޔަމީންގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެމަނިކުފާން މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ދެ ފަހަރެއްގެ މަތިން ކޮންސްޓްރަކްޝަންސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކޮށް އެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައި ވާނެ ކަމަށެވެ. އެގޮތުން މަޝްވަރާތަކުން އެނގިގެންދިޔައީ މިހާރު ކޮންސްޓްރަކްޝްންސް ދާއިރާ އަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލަ އަކީ ހިލަ އަދި ހިލަވެލި ނުލިބުމުގެ މައްސަލަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހިލަ އާއި ހިލަވެލި ރާއްޖެއަށް ގެނައުމަށް ހަތަރު ގައުމަކާއި މިހާރު ވެސް ވާހަކަ ދައްކަމުންދާ ކަމަށާއި އަދި ކުރިއަށް ދުވަސްތަކުގެ ތެރޭގައި ހިލަވެލީގެ މައްސަލަ ހައްލުވެގެންދާނެ ކަމަށް މިނިސްތަރު ވިދާޅުވި އެވެ.

"ސަން"އަށް ދެއްވި އިންޓަވިއު ނިންމާލައްވަމުން ރާއްޖޭގެ އިގްތިސޯދު އިތުރަށް ތަރައްގީ ކުރުމަށް ޓަކައި ރާއްޖޭގެ އުފެއްދުންތައް ބައިނައްލަޢުވާމީ މާކެޓްތަކަށް ވިއްކުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އަރަބި ދުނިޔޭގެ ގައުމުތަކަށް ރާއްޖޭގެ މަސް އެކްސްޕޯޓް ކުރުމަށް އިސްލާމިކް މިނިސްޓްރީއަށް ހަލާލު ސްޓިފިކެޓް ދޫކުރުމުގެ ހުއްދަ ރައީސް ޔާމީން ދެއްވާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި ބަންދު ކުރެވޭ މަސް އަރަބީ އިސްލާމީ ގައުމުތަކަގެ މާކެޓަށް ވިއްކުމުގެ ދޮރުތައް ހުޅުވިގެން ދާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ބަންދު ކުރެވޭ މަސް ޜަޝިޔާ މެލޭޝިޔާ އަދި ޗައިނާ ފަދަ ދުނިޔޭގެ ބޮޑެތި މާކެޓްތަކަށް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.