03 Dec 2013, 09:25
ނިޔުޔޯކް (ޑިސެމްބަރު 3): ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގައި ރައީސް ބައްޝާރުލް އަސަދާއި އެގައުމުގެ އެންމެ އިސް މަސްއޫލުވެރިން ވެސް ޝާމިލްވާ ކަމަށް އދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޝަނަރު ނަވީ ޕިއްލޭ ތުހުމަތު ކުރައްވައިފި އެވެ.
ޕިއްލޭ އިއްޔެ ވިދާޅުވީ ސޫރިޔާގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގައި ރައީސް ބައްޝާރުލްއަސަދާއި ސޫރިޔާގެ އިސް މަސްއޫލުވެރިން ބައިވެރިވެވަޑައިގަންނަވާ ކަމުގެ ހެކި ލިބިފައިވާ ކަމަށާ މިހެކި ލިބިފައި ވަނީ މިކަމާބެހޭ ގޮތުން އދ. ން ކުރި ތަހްޤީޤް ތަކުން ކަމުގަ އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ސޫރިޔާގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތަކުގައި ޝާމިލްވާކަމަށް ތަހްޤީޤްތަކުން ހާމަވި އެގައުމުގެ އިސްމަސްއޫލުވެރިންގެ ލިސްޓެއް އަތްޕުޅުގައި މިހާރު އެބައޮތް ކަމަށް ވެސް ޕިއްލޭ ވިދާޅުވި އެވެ. ސޫރިޔާގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކުގައި ސަރުކާރުގެ މަސްއޫލުވެރިންގެ އިތުރުން އިދިކޮޅު ފަރާތްތައް ވެސް ޝާމިލްވާކަމަށް ޕިއްލޭ ވިދާޅުވި އެވެ. ނަމަވެސް ސޫރިޔާގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ތަފްސީލް އޭނާ ދެއްވާފައެއް ނުވެ އެވެ.
ޕިއްލޭގެ ވާހަކަތަކަކީ ހަގީގަތް އޮޅުވާލުމުގެ ވާހަކަތަކެއް ކަމަށް ސިފަކޮށް ސޫރިޔާ އިން ވަނީ އޭނާއަށް ރައްދު ދީފަ އެވެ. ޕިއްލޭއަށް ރައްދު ދެއްވަމުން ސޫރިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ފައިސަލް މިގްދާދު ވިދާޅުވީ ޕިއްލޭ ހައްދަވަނީ އިތުރުފުޅު ކަމަށާ އޭނާގެ ވާހަކަތަކުގައި އެއްވެސް އަސާސެއްނެތް ކަމުގަ އެވެ. އަދި އދ. ގެ ބައެއް ފަރާތްތަކުން އެކަހެރިގޮތެއްގައި ކުރާ ތަހްގީގްތަކުގެ ތެދުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށާ އެހެންކަމުން ޕިއްލޭގެ ވާހަކަތައް ސޫރިޔާ ސަރުކާރުން އަޑުނާހާނެ ކަމަށާ އަދި އަޅާވެސް ނުލާނެކަމަށް ފައިސަލް މިގްދާދު ވިދާޅުވި އެވެ.
ސޫރިޔާގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގައި އެގައުމުގެ އިސް މަސްއޫލުވެރިން ޝާމިލްވާ ކަމަށް މީގެ ކުރިން ވެސް އދ. ން ބުނެފައިވެ އެވެ. ނަމަވެސް ސޫރިޔާއަކީ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ މުޢާހަދާގައި ބައިވެރިވެފައިނުވާ ގައުމަކަށް ވާތީ އެގައުމުގެ މަސްއޫލުވެރިންނާ ދެކޮޅަށް އެ ކޯޓުގައި ދައުވާކުރެވޭނީ އދ.ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސްގެން ކަމަށް ވާތީ މިކަން ވަނީ ކުރިޔަށްދާގޮތް ނުވެފަ އެވެ. ރަޝިޔާއާއި ޗައިނާއަކީ ސޫރިޔާ ސަރުކާރުގެ ދިފާޢުގައި ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރާ ދެގައުމު ކަމަށް ވާތީ ސަލާމަތީ މަޖިލީހުން މިފަދަ ގަރާރެއް ފާސްކުރުމުގެ ފުރްސަތު ކުޑަކަމަށް ޑިޕްލޮމޭޓުން ދެކެ އެވެ. (އަލްޖަޒީރާ)