03 Dec 2013, 09:16
ބެންކޮކް (ޑިސެމްބަރު 3): މަޤާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާ ގޮވާލުންތަކަށް އިޖާބަނުދެއްވާނެ ކަމަށް ތައިލޭންޑްގެ ބޮޑުވަޒީރާ ޔިންގްލަކް ޝިނަވަޓްރާ ވިދާޅުވެއްޖެ އެވެ.
ޔިންގްލަކް ވިދާޅުވީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކުގެ ބޭނުންތަކަކީ ތައިލެންޑްގެ ޤާނޫނު އަސާސީ އާ ފުށުއަރާ ކަންތައްތަކެއް ކަމަށާއި އިދިކޮޅު ފަރާތްތަކުން މަޖްބޫރު ކުރި ނަމަވެސް ޤާނޫނު އަސާސީއާ ޚިލާފުވެވަޑައިނުގަންނަވާނެ ކަމުގަ އެވެ. ނަމަވެސް މުޒާހަރާ ކުރަމުންދާ ފަރާތްތަކާ އެކު މެދުމިނުގެ ހައްލަކަށް އައުމަށް ޓަކައި އެމީހުންގެ ލީޑަރުންނާ މަޝްވަރާތައް ކުރެއްވުމަށް އަދިވެސް ހުންނެވީ ތައްޔާރަށް ކަމަށް ޔިންގްލަކް ވިދާޅުވި އެވެ.
ބޮޑުވަޒީރާ ޔިންގްލަކް އަށް އޮތީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށާއި އެކަމަށް ޓަކައި 48 ގަޑި އިރުގެ މުހުލަތެއް އެކަމަނާ އަށް ދެވިފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރެއް ކަމަށްވާ ސޫތެޕް ތައުގުސްބާން މިދިޔަ އާދީއްތަ ދުވަހު ވަނީ މަގުމަތިން ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. ސޫތެޕް ވަނީ ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް ކޮންޓްރޯލްގެ ދަށަށް ގެނަސް ގައުމުގެ ހުރިހާ ކަންކޮޅުތަކަކަށް މުޒާހަރާތައް ފަތުރައި ސަރުކާރުގެ ހަރަކާތައް އިއްޔެ އިން ފެށިގެން މުޅިން ހުއްޓުމަކަށް ގެންނާނެކަމުގެ އިންޒާރު ވެސް ދެއްވާފަ އެވެ. ނަމަވެސް ތައި ސަރުކާރު ހުއްޓުމަކަށް ގެނައުމުގައި އޭނާ އާއި އޭނާގެ ބައިވެރިން ވަނީ ނާކާމިޔާބުވެފަ އެވެ.
އިދިކޮޅު ލީޑަރު ސޫތެޕް ތައުގުސްބާންދެއްވި 48 ގަޑިއިރުގެ މުހުލަތާ އެއްގޮތަށް މަޤާމުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވައި އެކަމަށް އިޖާބަނުދެއްވާނެ ކަމަށް ބޮޑުވަޒީރާ ޔިންގްލަކް ވިދާޅުވުމުން ދެން ކަންތައްކުރާނެ ގޮތެއް ހާމަކުރެއްވުމަށް ސޫތެޕް ވަނީ ފަސްޖެހިފަ އެވެ. މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން ތައިލޭންޑްގެ އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ހަތަރު މީހުން މަރުވެ 57 މީހުންޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިއީ ތައިލެންޑްގައި މިހާރު ވެރިކަންކުރާ ފެއު ތައި ޕާޓީގެ ސަޕޯޓަރުން 2010 ވަނަ އަހަރު ކުރި މުޒާހަރާތަކާއި ހިންގި ހަމަނުޖެހުންތަކަށް ފަހު އެގައުމުގައި ހިނގަމުންދާ އެންމެ ވަރުގަދަ ސިޔާސީ ހަމަނުޖެހުންތައް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)