03 Dec 2013, 09:01
ފުލުހުންނާމެދު ނަފްރަތު އުފެދޭ ގޮތަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހުރި ލިޔުންތަކާއި ޕޯސްޓަރުފަދަ ތަކެތި ވަގުތުން ނެގުމަށް ހުރިހާ ފުލުހުންނަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އަމުރު ކުރައްވައިފި އެވެ.
ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ޝަރަފްވެރިކަމާ އެކު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމަށް ރޭ އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ފުލުހުނާމެދު ނަފްރަތު އުފެދޭ ލިޔުމާއި ޕޯސްޓަރުތައް ނެގުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރައްވާފައިވާ ކަމަށެވެ. އަދި އެ އަމުރު ތަންފީޒުކޮށްދެއްވުމަށް ފުލުހުންގެ ކިބައިން އުމަރު ރޭ ވަނީ އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު ދިވެހިރާއްޖޭގެ ހުރިހާ ފުލުހުންނަށާއި ފުލުހުންގެ މަރުކަޒުތަކަށް މިހާރު އަންގާފަ އޮންނާނެ. ދިވެހިރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ފުލުހުންނާ މެދު ނަފްތަރު އުފެދޭ ކަހަލަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ޕޯސްޓަރެއް ނުވަތަ ބިލްބޯޑެއް ހުރިކަމަށް ވަންޏާ ވަގުތުން އެ އެއްޗެއް ނެގުމުގެ އަމުރު އަޅުގަނޑު އޮންނާނީ ހުރިހާ ފުލުހުންނަށް އަންގާފަ،" އުމަރު ވިދާޅުވި އެވެ.
ރާއްޖޭގައި އަމަންއަމާންކަން ގާއިމް ކުރެވޭނީ ފުލުހުންނަކީ އާންމުންގެ އިތުބާރާއި އިހްތިރާމް ލިބިގެންވާ ބަޔަކަށް ވެގެން ކަމަށް ހޯމް މިނިސްޓަރު މިރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އަމަންއަމާންކަން ގާއިމް ކުރެވޭނީ ފުލުހުންނަކީ އާންމުން އިތުބާރު ކުރާ ބަޔަކަށް ވެގެން ކަމަށާއި ފުލުހުންގެ އަގުވެއްޓޭ ގޮތަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ފުލުހުންގެ އަގުވައްޓާލައި ފުލުހުންނާ މެދު ނަފްތަރު އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދާކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ އެއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް ކުރަމުންގެންދާ ކަމެއް ކަމަށާއި އެފަދަ ގައުމުތަކުގައި އަމަންއަމާންކަން ގާއިމްކުރުން ވަނީ ފެއިލްވެފައި ކަމަށެވެ.
"ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ ދިވެހި ފުލުހުންގެ އަގުވައްޓާލުމަށް ފުލުހުންނާ މެދު ނަފްރަތު އުފެއްދުމަށް އެކި ފެންވަރުގައި މަސައްކަތްކުރަމުންދާ ތަން. މިއީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުރެވެމުންދާކަމެއް. އެކަމަކު މިކަންކުރާ އެއްވެސް ގައުމެއްގައި އަމަންއަމާންކަން ނުނެގޭ. އަމަންއަމާންކަން ފެއިލްވޭ،" އުމަރު ވިދާޅުވި އެވެ.
އަބްދުﷲ ރިޔާޒަށް ތައުރީފުކުރައްވައި އުމަރު ވިދާޅުވީ އެނާ އަކީ ވަރަށް ހީވާގި ވިސްނުންތޫނު ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ ރިޔާޒުގެ ލީޑާޝިޕުގައި ފާއިތުވި ދެ އަހަރު ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށެވެ.
ރިޔާޒަކީ ފުލުހުން ފަޚުރުވެރިވާފަދަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރާ ކަމަށް ވެސް އުމަރު ރޭ ވިދާޅުވި އެވެ.