ރާއްޖޭގައި އިޖުތިމާއީ ރައްކާތެރި ކަމުގެ ވެއްޓެއް ގާއިމްކޮށްދިނުމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރާއްޖޭގެ ފުލުހުންނަށް ގޮވާލައްވައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އެ މަގާމުން ޝަރަފްވެރިކަމާ އެކު ރިޓަޔާ ކުރެއްވުމާ ގުޅިގެން މިރޭ ފުލުހުންގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ އާއްމު ރައްޔިތުންގެ ރުހުމާއި ތާއީދު ހޯދުމަށް ވުރެ ބޮޑަށް އަދި ވަކި ބަޔަކަށް ހިދުމަތް ކުރުމަށް ވުރެ ބޮޑަށް ހުރިހާ ރައްޔިތުންނަށް ކޮށްދޭ ހިދުމަތަކަށް ވާން ޖެހޭނެ ކަމަށެވެ.

ޖަމީލްގެ ވާހަކަފުޅުގައި ފުލުހުންގެ ޒިންމާ އެކަށީގެންވާ ގޮތުގައި ތަންފީޒު ކުރެވިއްޖެ ކަމުގައި ވާނީ ކުށްމަދުވުމާއި ހަމަޖެހޭ މުޖުތަމައުއެއް ގާއިމް ކުރެވުމުން ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ މުޖުތަމައުއެއް ގެނެސް ދިނުމަށް މަސައްކަތް ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު މިރޭ އިލްތިމާސްކުރަން ފުލުހުންނަށް ރާއްޖޭގެ ރައްޔިތުންނަށް އެކުވެރިކުރުމުގައި ރާއްޖޭގެ ރައްޔިތުން އެއްބައިވަންތަ ކުރުމުގައި ދިވެހި ރައްޔިތުންނާއި ސަރުކާރަށް އިޖުތިމާއި ރައްކާތެރިކަން ހޯދައި ދިނުމުގައި އެެހީތެެރިވެދިނުމަށް. މިއަދު ރާއްޖޭގެ ރައްޔިތުން ގޮވާ އާދޭސް ކުރަމުން ގެންދާ އެއްކަމަކީ ރާއްޖޭގައި އެފަދަ ވެއްޓެއް ގާއިމްކޮށްދިނުން،" ޖަމީލް ވިދާޅުވި އެވެ.

ރައްޔިތުންގެ ރުހުމާއި ތާއީދު ހޯދުމަށް ޓަކައި ހުރިހާ އެންމެންގެ މައްޗަށް ވެސް ހަމަހަމަ ކަމާ އެކު ގާނޫނުތައް ތަންފީޒު ކުރުމަށް ނައިބް ރައީސް އިލްތިމާސްކުރައްވި އެވެ.

"ގާނޫނު ތަންފީޒު ކުރާ ފުލުހަކު ބަލައިގެން ނުވާނެ ނިކަމެތި މީހެއް މުއްސަންޖެއް، ގާނޫނު ތަންފީޒު ކުރާ ފުލުހަކު ބަލައިގެން ނުވާނެ އެ މުޖުތަމައުއެއްގައި ތިމަންނާ މިހެން އަމަލް ކުރީމާ އެންމެ ނުފޫޒު ގަދަ މީހާ ހިތްހަމަނުޖެހިދާނެއޭ. ގާނޫނު ތަންފީޒު ކުރާ ފުލުހުން ބަލައިގެން ނުވާނެ ތިމަންނަ މިވަގުތު ގޮސް މިވެނި ކަމެއް ހުއްޓުވީމާ މިވެނި އާއިލާއެއް ރުޅިއަތުވެދާނެއޭ. ހަމައެއާއެކީގައި ގާނޫނު ތަންފީޒު ކުރަން ތިބޭ ފުލުހުން ސުވާލުކޮށްގެން ނުވާނެ ގާނޫނުގެ މަސްދަރާ ބެހޭ ގޮތުން، ފުލުހުންގެ ޒިންމާއަކީ ގާނޫނު ތަންފީޒު ކުރުން،" ޖަމީލް ވިދާޅުވި އެވެ.

އިޖުތިމާއީ ގޮތުން ކުރަން އެކަށީގެންވާ ކަންތައްތަކާ ބެހޭ ގާނޫނެއް ރާއްޖޭގެ ވުޖޫދަށް އައިސްފައިވާ އިރު އެ ގާނޫނުގައި ހުރި ކަންތައްތަކާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ނެތް ކަމަށާއި ރައްޔިތުންނަށް ފަސޭހަވާ ގޮތަކަށް ގާނޫނުތައް އައިސްފައިވާ ނަމަ އެ ގާނޫނުގައިވާ ގޮތަށް ކަންތައްތައް ތަންފީޒު ކުރެވެންވާނެ ކަމުގައި ޖަމީލް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ލައުޑް ސްޕީކަރަކުން އުނދަގޫވާ ކަމުގައިވާ ނަމަ އެކަން ހުއްޓުވެން ޖެހޭނެ. ރައްޔިތުންނަށް ތުރާވާ ގޮތަށް ފޮށި އުނދަގޫކުރާ ކަމަށްވާ ނަމަ އެކަން ހުއްޓުވަން ގާނޫނުގައި ބަޔާންކޮށްފައިވާ ނަމަ އެކަން ހުއްޓުވަންވާނެ. ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ގާނޫނު ހަދާފައިވާ ނަމަ އެ ގާނޫނުގައިވާ ގޮތުގެ މަތިން ތަންފީޒު ކުރެވެންވާނެ،. އެހެންމެ އެގޮތަށް ރާއްޖޭގެ ފުލުހުން އަމަލް ކުރުމަށް އަޅުގަނޑު އެދެން،" ޖަމީލް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ސަރައްހަދުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ ތެރެއިން ވަކި ބަޔަކު ވަކި ގޮތަކަށް އަމަލް ކުރަމުން ގެންދާ ކަމުގެ ޝަކުވާ މަދުން ނަމަވެސް ލިބެމުންދާ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި މަދުން ނަމަވެސް ގާނޫނުތައް ތަންފީޒު ކުރުމުގައި ފުލުހުން ހަރުދަނާ ގޮތެއްގައި އަމަލް ކުރަމުން ނުދާކަން ވެސް ޖަމީލް ފާހަގަކުރެއްވި އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ފުލުހުންގެ އިދާރާ ކުރިއަރުވައި ރާއްޖޭގައި އަމަންއަމާންކަން ގާއިމްކޮށްދެއްވައި ބޮޑެތި މައްސަލަތައް ތަންފީޒުކުރުމުގައި ރިޓަޔާޑް ޕޮލިސް ކަމިޝަނާ އަބްދުﷲ ރިޔާޒު ފުލުހުންގެ އިދާރާއަށް ކޮށްދެއްވާފައި މަސައްކަތްތައް ފާހަގަކުރެއްވައި އެކަމަށް ޓަކައި އެމަނިކުފާނަށް ޝަކުރު އަދާކުރެއްވި އެވެ.