02 Dec 2013, 23:22
ފުލުހުންގެ މުއައްސަސާއަކީ ސަރުކާރު ދިފާއު ކުރާނެ މުއައްސަސާއެއް ކަމުގައި ދެކިގެން ނުވާނެ ކަމަށް ޝަރަފުވެރިކަމާ އެކު ފުލުހުންގެ ހިދުމަތުން މިރޭ ރިޓަޔާ ކުރެއްވި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ޝަރަފުވެރިކަމާ އެކު ފުލުހުންގެ ހިދުމަތުން ރިޔާޒު ރިޓަޔާ ކުރެއްވުމަށް މިރޭ އިސްކަންދަރު ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ ގައުމުގައި ހަމަނުޖެހުން އެންމެ ބޮޑަށް އުފެދޭނީ ސިޔާސީ ކަންކަން ފުލުހުން ލައްވައި ކުރުވަން ފެށުމުން ކަމަށެވެ. ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް މަސައްކަތް ކުރަން ޖެހޭ މުއައްސަސާއެއް ކަމަށާއި ފުލުހުންގެ މުއައްސަސާ އިން ސަރުކާރު ދިފާއު ކުރާނެ ކަމަށް ސަރުކާރުން ވެސް ދެކިގެން ނުވާނެ ކަމަށް ރިޔާޒު މިރޭ ވިދާޅުވި އެވެ.
"ފުލުހުންގެ މުއައްސަސާއަކީ ސަރުކާރު ދިފާއު ކުރާނެ މުއައްސަސާއެއް ގޮތުގައި ސަރުކާރުން ވެސް ދެކިގެން ނުވާނެ. ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް މަސައްކަތް ކުރާ މުއައްސަސާއެއް. އަޅުގަނޑުމެން ޖަވާބުދާރީވާން ޖެހޭނީ ގާނޫނުގެ އަމުރަށް. އަޅުގަނޑުމެން އެކައުންޓަބުލް ވާންޖެހޭނީ ސަރުކާރަށް. އަޅުގަނޑުމެން އެކައުންޓަބްލް ވާންޖެހޭނެ މަޖިލީހަށް،" ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުން މިދިޔަ މަހުގެ 19 ވަނަ ދުވަހު އިސްތިއުފާ ދެއްވި ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއާ ހާވާލުވެ މަސައްކަތްޕުޅު ކުރެއްވި 21 މަސް ދުވަހުގެ ތެރޭގައި ސިޔާސީ ގޮތުން "ތަންކޮޅެއް ބަރު" ބޭފުޅުންގެ މައްސަލަތައް ބަލައި ބައެއް ބޭފުޅުން ހައްޔަރު ކުރަން ފެށުމުން ސަރުކާރުގެ ބޭފުޅުން އެކަމާ ހިތްހަމަޖެހިވަޑައި ނުގެންނެވި ކަމަށެވެ. "އުސްފަސްގަނޑު ހުސްނުކުރެވިގެން" ފާޑުކިޔުންތައް ވެސް އޭނާ އަށް އަމާޒުވި ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާ އަށް ހޯދައިދެވުނު އެންމެ ބޮޑު ކާމިޔާބީއަކީ ކޮންމެ މަގާމެއްގައި ހުރި ކޮންމެ މީހެއްގެ މައްސަލަ ވެސް ތަހުގީގުކޮށް ބަލައި "ގާނޫނުގެ އަތް ނުފޯރާނެ އެއްވެސް ދިމާލެއް، އެއްވެސް މީހެއް،" ނުހުންނާނެކަން ޔަގީން ކުރުން ކަމަށެވެ.
ފުލުހުންގެ ހިދުމަތުން ދުރަށް ޖެހިވަޑައިގެން ސިޔާސީ ދާއިރާ އަށް ނުކުންނަވަން ނިންމެވީ ރައްޔިތުންނަށް އެ ދާއިރާގައި ވެސް އިތުބާރު ދެމެހެއްޓުމަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާ އަށް ނުކުންނެވުމަށް އެމަނިކުފާނަށް އެންމެ ފުރަތަމަ ލަފާ ދެއްވީ މިހާރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
މިހާތަނަށް އެންމެ އުފާވި ދުވަހަކީ ރިޔާސީ އިންތިހާބުގެ ފަހު ބުރު ބޭއްވި ދުވަސް، މިދިޔަ މަހުގެ 16 ވަނަ ދުވަހު އާ ރައީސަކު އިންތިހާބުވެގެން ދިއުމުން ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި އެ ދުވަހު އެންމެ އުފާވެ ހިންހަމަޖެހުނީ ފުލުހުންނާއި ސިފައިންނަށާއި ޖުޑީޝަރީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އަގު ވައްޓާ ނުލާނެ ސަރުކާރެއް އުފެދިގެން ދިއުމުން ކަމަށެވެ.
"އަޅުގަނޑު އެންމެ އުފާވާ އެންމެ ހިންހަމަޖެހުނު އެއް ސަބަބަކީ އެ ސަރުކާރަކީ އަޅުގަނޑުމެންނަށް ޔަގީންކަން ލިބުނު، ދިވެހި ފުލުހުންނާއި ސިފައިންނާއި ޖުޑީޝަރީ އާއި އެނޫން ވެސް މުއައްސަސާތަކުގެ އަގު ވައްޓާލައި އެ މުއައްސަސާތައް ފާލުން ނައްޓާލައި އެތަންތަނުގެ މީހުންނަށް ވާނުވާ ނޭނގޭ ގޮތަށް، މުޅި ގައުމަށް ގެއްލުންތަކެއް ވެގެން ނުދާނެ. އަދި ދިވެހިރާއްޖޭގައި މި އޮތް ދީނީ އެއްބައިވަންތަކަށް ހިފެހެއްޓޭނެ އަދި ރާއްޖެ އަށް ލިބިފައި މިއޮތް އަގުބޮޑެތި ރައުސުލްމާލުތައް ބޭރުގެ ފަރާތްތަކަށް ގެންދިޔަ ނުދިނުމަށް ރައްޔިތުން ތާއިދު ކުރާ ސަރުކާރެއް އައުމުން،" ކުރީގެ ރައީސް މުއުމޫންގެ އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާ ކުރެއްވި ރިޔާޒު މިރޭ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވީ އެއްވެސް ނުބައި ނިޔަތެއް އޮވެގެން ނޫން ކަމަށާއި އެ ދުވަހު އެތަނަށް ވަޑައިގެންނެވީ ފުލުހުންނާއި ސިފައިން ކުރިމަތިލާ މަންޒަރު ޓީވީން ބަލަން ބޭނުން ނުވާތީ ކަމަށް ރިޔާޒު މިރޭ ވިދާޅުވި އެވެ. އަދި އެތަނަށް ވަޑައިގަތުމުން ކުރިން މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ފަޔާޒު (އެފްއޭ)އަށް ގުޅުއްވި ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ހުންނަވަނިކޮށް ރައީސް ނަޝީދުގެ ސަރުކާރުގައި ފުލުހުންގެ ހިދުމަތުން ވަކިކުރުމަށް ފަހު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފެބްރުއަރީ 7، 2012ގައި ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ވަޑައިގެންނެވި އަބްދުﷲ ރިޔާޒަކީ ފުލުހުންގެ ހިދުމަތުގައި 24 އަހަރާއި 5 މަހާއި 28 ދުވަސް މަސައްކަތްޕުޅު ކުރައްވާފައިވާ ބޭފުޅެކެވެ.