ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ބޭފުޅުންނާ އެކު ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުން އޮތީ އައިއެމްއެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މިޝަން ޗީފް ޑޮކްޓާ ކޯޝީ މަތާއީ މިއަދު މެންދުރު ރައީސްގެ އަރިހަަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގަ އެވެ.

ރައީސް އޮފީގައި ބޭއްވި މި ބައްދަލުވުމުގައި ސަރުކާރުގެ އިގުތިސާދީ އެޖެންޑާ އާއި ސިޔާސަތުތަކާ ބެހޭގޮތުން އައިއެމްއެފްގެ ޗީފް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން މައުލޫމާތު އޮޅުން ފިލުއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސްގެ އޮފީހުގެ މިނިސްޓާ މުހައްމަދު ހުސެއިން ޝަރީފާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވާނަރު ޑރ. ފަޒީލް ނަޖީބާއި، ޑެޕިއުޓީ ގަވާނަރު އައިޝަތު ޒާހިރާ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އައިއެމްއެފްގެ އިކޮނޮމިސްޓް ޑރ. ނަންދަކާ މޮލަގޮޑާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.