02 Dec 2013, 19:01
އެކި ފަހަރުމަތިން ރާއްޖެއަށް ލައްވެ، އަދި ބެހިގެން ދަނިކޮށް ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ފެނިގެން ނެގި 40 ސޯމާލިޔާގެ މީހުން މާދަމާ، އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ސޯމާލިއާ މީހުން އަނބުރާ އެ މީހުންގެ ގައުމަށް ފޮނުވާލަނީ ސޯމާލިޔާ އާއި ދިވެހި ސަރުކާރާއި ދެމެދު މިއަދު ވެވުނު އެއްބަސްވުމެއްގެ ދަށުނެވެ. މިއަދު މެންދުރު ފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަސަން ޝިފާއު އެވެ. ސޯމާލިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑިރެކްޓަ ޖެނެރަލް އޮފް ކައުންޓާ ޕައިރަސީ އަބްދިއްރިޒާކު އަހުމަދެވެ.
ފޮރިން މިނިސްޓްރީން ބުނީ ތަހުގީގީ ޖަލުގައި މިހާރު ތިބި 40 ސޯމާލިއާ މީހުން އެ މީހުންގެ ގައުމަށް ފޮނުވާލަން ނިންމާފައި ވަނީ މާދަމާ ހެނދުނު 7:00 ޖަހާއިރު ހެލިޑޭ ފިންޗުގެ ފްލައިޓެއްގައި ކަމަށެވެ.
ސޯމާލިއާ މީހުން އެ މީހުންގެ ގައުމަށްފޮނުވާލުމުގެ އެހީތެރިކަން އދ. ރާއްޖެއަށް ވަރަށް ބޮޑު އެއްބާރުލުމެއް ދޭ ކަމަށާއި އެ މީހުންގެ ސެކިއުރިޓީ އާއި އެ މީހުން ދަތުރުކުރާ ފްލައިޓު ޗާޓަކޮށްދީފައި ވަނީ އދ. ގެ ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ) އިން ކަމަށް ފޮރިން މިނިސްޓްރީ ބުންޏެވެ.