08 Dec 2010, 08:31
އޮޑިޓާ ޖެނެރަލް ކަމަށް، އައްޔަން ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ، މ. އާދިއްލީގޭ ޢަލީ ރަޝީދު އުމަރަކީ އެމަގާމަށް އެކަށީގެންވާ ބޭފުޅެއްނޫން ކަމަށާއި، ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މަޝަވްރާއާ އެކު އޮޑިޓަ ޖެނެރަލްކަމަށް އައްޔަންކުރާނެ ބޭފުޅެއްގެނަންފުޅު މަޖިލީހަށް ފޮނުއްވުމަށް އިދިކޮޅު މެންބަރުން ރައީސް ނަޝީދަށް ގޮވާލައްވައިފި އެވެ.
އޮޑިޓަ ޖެނެރަލްކަމަށް އައްޔަންކުރުމަށް، މަޖިލީހުގެ ރުހުން ހޯދުމަށް އަލީ ރަޝީދުގެ ނަންފުޅު މަޖިލީހަށް ފޮނުވުމާގުޅިގެން އެނަންފުޅު ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ރިޕޯޓަށް ބަހުސްކުރައްވަމުން، އިދިކޮޅު ޑީއާރުޕީގެ މެންބަރު، ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، ދިވެހިން ބަލައިގެންފައިމިވާ ދުސްތޫރުގައި ހިމެނޭ އެންމެ މުހިއްމު މަގާމު ކަމުގައި ހިމެނޭ، އަދި ގައުމާއި ދައުލަތަށް އެންމެ އިހްލާސްތެރިކަމާ އެކު، ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރަން ޖެހޭ މަގާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅަށް ލިބިފައިވާތަން މިފެންނަނީ، 62 ޕަސެންޓް މާކްސް ކަމަށެވެ. އެހެންކަމުން އެފަދަ މެންބަރަކަށް، ޖުމްލަ މުޅި މަޖިލީހުގެ އަޣުލަބިއްޔަތަށްވާ އަދަދަށް، މެންބަރުންގެ ވޯޓު ދޭންވެއްޖެ ނަމަ ރާއްޖޭގެ މިސްރާބު ކަސިޔާރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ މައްސަލަތަކުގައި ރައްޔިތުންގެ މަޖިލީހުގައި ހިޔާލުތަފާތުވާން ޖެހެނީ، ދުސްތޫރު ހިމާޔަތްކުރެއްވުމަށް މިހާރު ހުންނެވި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ގާބިލްކަން ނެތުމުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އެމަނިލުފާނު މަޖިލީހަށް ނަންފުޅުތައް ފޮނުއްވަނީ ވަކި ކުލައެއްޖެހިފައިވާ ބައެއްގެ މަޝްވަރާއާ އެކު ސަރުކާރުގެ ނުފޫޒު އޮންނަ ނަންފުޅުތައް ކަމަށާއި އެފަދަ ނަންފުޅުތައް ތަޅާފޮޅައިގެން ނަމަވެސް މަޖިލީހުން ފާސްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބުދުލްގައްޔޫމު އާ ގާނޫނު އަސާސީ ވުޖޫދަށް ގެންނެވުމަށް ފަހު ކަންކަން ގެންދެވީ ހުރިހާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން ކަމަށެވެ. އަދި މިނިވަން މުސްތަގިއްލު ނަންތައް ނިންމެވުމުގައި ސިޔާސީ ހުރިހާ ފަރާތްތަކެއްގެ ހިއްސާ އެމަނިކުފާނު ހޯއްދެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާހިސާބުން ހިޔާލުތަފާތުވުމަށް އަންނަން ޖެހެނީ މި ދުސްތޫރު ހިމާޔަތްކުރަން މިހާރު ދައުލަތުގެ ވެރިއަކަށް ހުންނަވާ ބޭފުޅާ(ރައީސް ނަޝީދު)ގެ ގާބިލްކަން ނެތުމުން. މިއަދު އަޅުގަނޑުމެންނަން މި ފެންނަނީ، ވަކި ކުލައަކުން ހަމައެކަނި ވަކި ޖަމާއަތެއްގެ ތެރޭގައި މަޝްވަރާ ކޮށްލުމަށް ފަހު، އެހެން ސިޔާސީ ޕާޓީތަކެއްގެ މަޝްވަރާއެއްނެތި، އަދި މި ގާނޫނު އަސާސީނަގައި ކޮޅަށްޖެހި މީހުންގެ އެއްވެސް އަޑެއްނެތި ވޯޓުން ކަންކަންކުރަން މިތަނަށް (ރައްޔިތުންގެ މަޖިލީހަށް) ގެންނަތަން. ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ގޮވައިލަން، ސިޔާސީ ޕާޓީތަކުގެ ލަފަ އާއި މަޝްވަރާގެ މަތިން މި ދުސްތޫރު ހިމާޔަތް ކުރުމަށްޓަކައި އެންމެން އިއްތިފާގުވާ ނަންތަކެއް މަޖިލީހަށް ގެނައުމަށް. މި މަޖިލީހުން އަޅުގަނޑުމެން އެންމެ އިއްތިފާގުވެގެން ސުޕްރީމްކޯޓު ނިންމީ. ކީއްވެތޯ މިވަރުގެކަމެއް ނުވަންވީ،"
ޕީއޭގެ މެންބަރު ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ގައުމުގައި އޮޑިޓާ ޖެނެރަލަކުނެތި މިދާ ކޮންމެ ދުވަހަކީ ކަންބޮޑުވާންޖެހޭ ދުވަހެއް ކަމަށެވެ. ނަމަވެސް އެ ކަންބޮޑުވުން ނިމުމަކަށް އަންނަންއޮތީ އެކަމަށް އެކަށޭނަ ގާބިލް ބޭފުޅަކު އެމަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅެއް ފޮނުވުމުން ކަމަށާއި، މިހާރު އެމަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅަކީ އެމަގާމަށް އެކަށީގެންވާނަންފުޅެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްހާ މިހާރު ފޮނުއްވާފައި މިވާ މ. އާދިއްލީގޭ އަލީ ރަޝީދުގެ ނަންފުޅަކީ އޮޑިޓަ ޖެނެރަލް ކަމަށް އެކަށީގެންވާ ބޭފުޅެއްކަމަކަށް. އެހެން މިދެންނެވީ، މީގެ ކުރިން އެމަނިކުފާނު މިނިވަން މުއައްސަސާއެއް (އެންޓި-ކޮރަޕްޝަން ކޮމިޝަން) ގައި އުޅުއްވީރު ކަންތައްތައް ހިނގާގޮސްފައިވާގޮތް ރައްޔިތުންގެ މަޖިލީހުގެ ދާހިލީ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށްވެސް ތަޖުރިބާ ކުރުމުގެ ފުރުސަތު ވަނީ ލިބިފައި." އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
މިރިޕޯޓަށް ކުރިއަށްގެންދިޔަ ބަހުސްފައި އަލީ ރަޝީދުގެ ނަންފުޅަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވީ، މި މައްސަލައަށް އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ހަމައެކަނި މެންބަރު، ބިލެތްދޫ ދާއިރާގެ އަހްމަދު ހަމްޒާ އެވެ.