02 Dec 2013, 18:13
އަންނަ އަހަރަށް ލަފާކޮށް ކުރީގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް އާ ސަރުކާރުން ހުށަހަޅާ އިސްލާހުތައް މަޖިލީހަށް ފޮނުވުން އަނެއްކާވެސް ފަސްކޮށްފި އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ބަޖެޓްގެ އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވާނެ ސަރުކާރުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވިދާޅުވެފައިވަނިކޮށް، އެ މުއްދަތު ވަނީ ފަހަނައަޅައި ގޮސްފަ އެވެ. އަދި މިއަދު ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ކުރިން ވިދާޅުވުމަށްފަހު އޭނާ މިއަދު ވިދާޅުވީ އާ ސަރުކާރުގެ މަޝްރޫއުތަކުގެ ހިސާބުތައް "ޖަހައި" އަދިވެސް ނުނިމޭ ކަމަށާއި އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި ހަމަ އެ ދުވަހު ބަޖެޓްގެ އިސްލާހުތައް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭން މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މަޖިލީހަށް ހުށެހެޅި 16.4 ބިލިއަން ރުފިޔާގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އުނިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވަނީ ނިންމަވާފަ އެވެ.
މިހާރު ހުށައަޅާ ބަޖެޓް އިތުރު ވަގުތުގެ ފައިސާ ވެސް ފަސް ޕަސެންޓަށް ކުޑަކޮށްފައިވާ އިރު ނޮންޕުރެކްޓިސް އެލަވަންސް 35 ޕަސެންޓް ހިފަހައްޓާފައިވެ އެވެ. އަދި ސަބްސިޓީ ވެސް ޓާގެޓްކޮށްގެންދޭ ގޮތަށް ނިންމާފައިވާ އިރު އާ ޕީއެސްއައިޕީއެއް ބަޖެޓުން ހަރަދުކޮށްގެން ނުހިންގުމަށް ވަނީ ނިންމާފަ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ރިޕޯޓް ނިމިގެން އަންއިރު ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކޮމެޓީ ވަނީ ނިންމާފައި، ބަޖެޓަށް އިސްލާހު ގެނައުމަށް އާ ސަރުކާރަށް މަޖިލީހުން ވަނީ ފުރުސަތު ދީފަ އެވެ.
ބަޖެޓަށް އާ ސަރުކާރުން ގެންނަ އިސްލާހުތަށް މަޖިލީހަށް ނުފޮނުވިފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މި މަހުގެ 15 ކުރިން ބަޖެޓް ކޮމެޓީގެ މަސައްކަތް ނިންމައި، ތަޅުމަށް ރިޕޯޓު ފޮނުވުމަށް އަންގާފަ އެވެ.