"މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013"ގައި ބައިވެރިވި ފަރާތްތަކުގެ އަދަދު މިދިޔަ ފަހަރަށްވުރެ 50 ޕަސެންޓް އިތުރު ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

މޫކައިސޫޓްގައި މިއަދު ހަވީރު މަޓާޓޯއިން ބޭއްވި ނޫސްކޮންފަރެންސްގައި މަޓާޓޯގެ ނައިބު ރައީސް އަބްދުﷲ ޣިޔާސް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑްގައި މިފަހަރު 85 ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ.

"ފުރަތަމަ ފަހަރަށް ވުރެ މިފަހަރު އެވޯޑަށް ތަރުހީބު ލިބިފައިވާ މިންވަރު 50 ޕަސެންޓް އިތުރު. އެގޮތުން 85 ޕާޓިސިޕަންޓްސް ހިމެނޭއިރު އޭގެތެރޭގައި 50 އަށް ވުރެ ގިނަ ރިސޯޓް ހިމެނޭ،" ޣިޔާސް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުން ފާހަގަ ކުރަން ދިވެހި ޓްރެވެލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި "މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2012"ގައި އެކި ދާއިރާތަކުން 65 ފަރާތެއްގެ ނަން ހިމެނުނުއިރު އޭގެތެރޭގައި އެފަހަރު ބައިވެރިވީ 27 ރިސޯޓަކުންނެވެ.

މަޓާޓޯއިން މިއަދު ބުނީ، މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2013ގައި މިފަހަރު އަލަށް ތައާރަފް ކުރި ކެޓަގަރީ ތަކާއެކު 23 ކެޓަގަރީއެއް ހިމެނޭއިރު އެ ކެޓަގަރީތަކަށް އިންޓަނެޓް މެދުވެރިކޮށް ވޯޓުލުމަށް ހުޅުވާލި ފުރުސަތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވޯޓު ދިން މީހުންގެ އަދަދު ވެސް ކުރީފަހަރަށްވުރެ އިތުރު ކަމަށެވެ. އެގޮތުން މިފަހަރު 116000 ފަރާތަކުން ވޯޓް ލާފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މިފަހަރު އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކުގެ ތެރޭގައި، އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، ހޮޓެލްސް، ރިޒޯޓްސް، ލައިވްބޯޑްސް، ޓްރެވަލް ޓެކްނޯލޮޖީ، ސީއެސްއާރު އަދި މުޅިން އަލަށް އިތުރު ކުރެވުނު އެންޑް ގެސްޓް ހައުސަސް ކެޓަގަރީ ހިމެނެ އެވެ. އެ ކެޓަގަރީތައް 23 ސަބް ކެޓަގަރީއަކަށް ބާހާލެވިފާއިވާ އިރު އޭގެ އިތުރުން މިފަހަރު މަޓާޓޯގެ މެންބަރުންނާއި އެގްޒެކެޓިވް ބޯޑު މެންބަރުންގެ ފަރާތުން ހުށަހަޅާފައިވާ ހާއްސަ ދެ އެވޯޑު ކަމަށްވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި މޯސްޓް ސަޕޯޓިވް ރިޒޯޓް އެވޯޑް ހިމެނެ އެވެ.

މަޓާޓޯގެ ނައިބުރައީސް ވިދާޅުވީ، ކުރީފަހަރާ ޚިލާފަށް މިފަހަރުގެ އެވޯޑަށް ކުރިމަތިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ވަނަތަކަށް އަންނަ ފަރާތްތައް ކަނޑައެޅުމަށް 40 އިންސައްތަ ވޯޓް، އިންޓަނެޓުގެ ޒަރީއާ އިން އަދި ބާކީ 60 އިންސައްތަ ވޯޓް މިނިވަން ޖަޖުންގެ ޕެނަލަކުން ދިނުމަށް ހަމަޖެހިފައިވާއިރު މިހާރުވެސް ޖަޖުންގެ ޕެނަލުން އެވޯޑަށް ކުރިމަތިލާފައިވާ ތަންތަނަށް ގޮސް މޮނީޓާ ކުރުމާއި އަދި އިންޓަވިއުތައް ވެސް ބާއްވަމުން ގެންދާ ކަމަށެވެ.

"މިފަހަރުގެ އެވޯޑްތައް ވެސް ވަރަށް އިންސާފުވެރިކަމާއެކު ނިންމާލެވޭނޭ ކަމަށް މި ބަލަނީ. އެގޮތުން އަޅުގަނޑުމެން މިފަހަރު ޝޯޓްލިސްޓް ކުރި ފަރާތްތައް ހާމަނުކުރަން. އަދި މިނިވަން ޖަޖުންގެ ޕެނަލުން މިހާރުވެ ސް އެދަނީ ޕްރެޒެންޓޭޝަން ހުށަހެޅުވި ތަންތަނަށް ޒިޔާރަތްކޮށް އެތަންތަން މޮނީޓާ ކުރަމުން،" ޣިޔާސް ވިދާޅުވި އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ނަތީޖާ ފާޅުކުރުން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓްގައި ބާއްވާ ހާއްސަ އިވެންޓްގަ އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އިވެންޓް އޯގަނައިޒާ "ހައިރައިޒް" އިން ބުނީ، މިފަހަރުގެ އިވެންޓްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ސަރުކާރުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނޭ ކަމަށެވެ. އަދި އޭގެ އިތުރުން 200 ވަރަކަށް މެހެމާނުން ބައިވެރި ވުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި އެވޯޑްގެ ބައިވެރިންނާއި ބޭރުގެ ނޫސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއް ބައިވެރިވާނެ ކަމަށެވެ.