ހިއުމަން ޓްރެފިކިންއަކީ ކުށެއް ކަމަށާއި އެފަދަ ކުށެއްކޮށްފި މީހެއްގެ އަދަބަކީ ހަތް އަރާއި 10 އަހަރާއި 15 އަހަރަށް ޖަލަށްލުން ކަމަށް ކަނޑައަޅާފައިވާ "މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލް" ގައުމީ ސަލާމަތު ކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ސްޕޮންސާކޮށްގެން ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒު މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅުއްވި ބިލް ދިރާސާކޮށް ނިންމީ މިދިޔަ މަހުގެ 27ގަ އެވެ. ހިއުމަން ޓްރެފިކިންގެ ކުށް ހުއްޓުވުމުގެ ބިލަށް ކޮމެޓީން މާބޮޑެތި އިސްލާހުތަކެއް ނުގެނެ އެވެ. ކޮމެޓީން ހަމައެކަނި ކުރިކަމަކީ އިމްލާ ކުށްތަކެއް އިސްލާހު ކުރީ އެވެ. އެއީ ވެސް ހަތަރު އިމްލާ ކުށެކެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ބިލް ގައުމީ ސަލާމަތު ކޮމެޓީން ފާސް ކުރީ އެ ގާނޫނަކީ ރާއްޖޭގައި އަމަލު ކުރަން ފެށުން ލަސްވެފައިވާ ގާނޫނަކަށްވެފައި އެމެރިކާ އިން މި އަހަރު ނެރުނު "ޓްރެފިކިން އިން ޕާސަންސް ރިޕޯޓް"ގައި ހިމެނޭ ގައުމުތަކުގެ ލިސްޓުން ޓަޔާ ދޭއް ވޮޗް ލިސްޓުގައި ހިމެނިފައިވުމާއި އެ ބިލް ފާސްނުކޮށްފި ނަމަ އެ ލިސްޓުން އެއް ދަރަޖަ އިތުރަށް ތިރިއަށް ވެއްޓުމުގެ ފުރުސަތު އޮތަތީ އެވެ.

މިހާތަނަށް ރާއްޖޭގެ ގާނޫނެއްގައި ހިއުމަން ޓްރެފިންއަކީ ކުށެއް ކަމަށް ކަނޑައަޅާފައި ނުވާތީ ހިއުމަން ޓްރެފިކިން އަށް ހާއްސަކޮށްގެން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގައި ބުނާ ގޮތުން މީހަކަށް މުޖުބޫރު ކުރުވައިގެން ރޭވުމަކުން ނުވަތަ މަކަރާއި ހީލަތުން މީހަކު އެއް ގައުމުން އަނެއް ގައުމަށް ބަދަލު ކުރުވުމަށް މަސައްކަތް ކުރާ މީހަކީ ހިއުމަން ޓްރެފިކިންގެ އަމަލެއް ހިންގާ މީހެކެވެ. އަދި އެފަދަ ހީތަލްތެރި ރޭވުމަކުން މީހަކު ރާއްޖޭގެ އެއް ސަރަހައްދަކުން އަނެއް ސަރަހައްދަން ގެންދިއުން ވެސް އެއީ ހިއުމަން ޓްރެފިކިންގެ އަމަލެއްގައި ބައިވެރިވުމެވެ.

އެ ބިލުގައިވާ ގޮތުން ކުޑަކުއްޖަކު ޓްރެފިކް ކުރުމަކީ އެ ކުއްޖާގެ ސިއްހަތަށް ނުވަތަ ސަލާމަތައް ނުރައްކާވެދާނެ ނުވަތަ މަސައްކަތެއް އެ ކުއްޖާ ލައްވައި ކުރުވުން ނުވަތަ އެފަދަ ހިދުމަތެއް އެ ކުއްޖާގެ ފަރާތުން ހޯދުމެވެ.

ހިއުމަން ޓްރެފިކިންގެ އަދަބު ކަނޑައަޅާފައިވާ ބާބުގައި ބުނެފައި ވަނީ އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރު ދުވަހަށް ޖަލަށްލުމެވެ. އަދި ކުޑަކުއްޖަކު ހިއުމަން ޓްރެފިކްކޮށްފި ނަމަ އެފަދަ މީހެއްގެ އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ. އަދި ހިއުމަން ޓްރެފިކިންގެ އަމަލެއް ރޭވުމުގައި ބައިވެރިވެއްޖެ ނަމަ ހަތް އަހަރު ދުވަހަށް އެ މީހަކު ޖަލަށް ލެވޭނެ ކަމަށް އެ ބިލުގައިވެ އެވެ.

އަމިއްލަ އަށް ރާވައިގެން މީހަކު ހިއުމަން ޓްރެފިކިންގައި ގެންގުޅެނިކޮށް އެ މީހަކު މަރުވެއްޖެ ނަމަ އެކަން ކުރި މީހަކު 15 އަހަރަށް ޖަލަށްލެވޭނެ ކަމަށާއި ހިއުމަން ޓްރެފިކް ކުރުމުގައި ހަތިޔާރު ބޭނުންކޮށްފި ނަމަ ވެސް 15 އަހަރަށް ޖަލަށްލެވޭނެ ކަމަށް ބިލުގައި ބުނެ އެވެ.

ހިއުމަން ޓްރެފިކިންގެ އަމަލެއް ކުރީ ގާނޫނު ތަފްޒީފު ކުރާ އިދާރާއެއްގެ މުވައްޒަފެއް ނަމަ އޭނާ ވެސް 15 އަހަށް ޖަލަށްލެވޭނެ ކަމަށް ބިލުގައިބުނެ އެވެ.