ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން އަންނަ ބާވަތުގެ ވާހަކަތައް ހުރި ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

އެކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

".. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ފަރާތުން 30 ނޮވެމްބަރު 2013ވީ ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅޭ ފަދަ ވާހަކަތައް ހުރުމަކީ މިކައުންސިލުން ކަންބޮޑުވާ ކަމެކެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަކީ ގާނޫނު އަސާސީގައި ބުނާ މިންވަރަށް ވުރެ ހަނިކުރެވޭނެ ހައްގުތަކެއް ކަމަކަށް މިކައުންސިލުން ގަބޫލެއް ނުކުރަމެވެ،" މީޑިއާ ކައުންސިލުގެ ބަޔާނުގައިވެ އެވެ.

ސިފައިންގެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު މިހާރު އަޅަމުންދާ ފިޔަވަޅުތަކަކަކީ ނޭޅޭނެ ފިޔަވަޅުތަކެއް ކަމަށް ބުނެ ބައެއް މީޑިއާތަކުން ފާޑުކިޔަމުންދާ މައްސަލަ ބަލަން ވާނީ މީޑިއާ ކައުންސިލަށް ހުށައަޅައިގެން ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

.. މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ އިން އެއްވެސް ފިޔަވަޅެއް އެޅުއްވުމުގެ ބަދަލުގައި އެފަދަ މައްސަލަތައް މިކައުންސިލަށް ހުށައަޅުއްވައިގެން ކުރިއަށް ގެންދެވުމަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.

އަދި ބުނެފައި ވަނީ ހަބަރަކާ ގުޅިގެން ނޫސްވެރިއަކާ މެދު ނުވަތަ ޓީވީ ސްޓޭޝަންތަކާ ރޭޑިއޯތަކާ ނޫސް މަޖައްލާތަކާ މެދު ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ލިބިގެން ވަނީ އެކައުންސިލަށް ކަމަށެވެ.