ބެންގަލޫރު (ޑިސެމްބަރު 2): މިދިޔަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު އިންޑިޔާ އިން މާސްއަށް އުދުއްސާލި ޖައްވީ އުޅަނދު "މަންގަލިޔާން" ދުނިޔޭގެ އޯބިޓްގެ ވަށައިގެން އަޅަން ޖެހޭ ބުރުގެ މަރްހަލާ ނިމި އެއުޅަނދު ދުނިޔޭގެ އޯބިޓުން ބޭރަށް ނުކުމެއްޖެކަން އިންޑިޔާގެ ފަޒާއާބެހޭ އިދާރާ "އިންޑިޔަންސްޕޭސް ރިސާޗް އޮގަނައިޒޭޝަން"(އިސްރޯ) އިން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

އިސްރޯ ބުނާ ގޮތުން "މަންގަލިޔާން" އިއްޔެ ފޮނުވި ކުރު މެސެޖްގައި ވަނީ "ދުނިޔޭގެ އޯބިޓްގެ ވަށައިގެން ބުރުއަޅަން ޖެހޭ މަރްހަލާ ނިމި މިހާރު ދަތުރުފަށާފައި ވަނީ ސީދާ މާސްއާ ދިމާއަށެވެ. ދިހަ މަސް ހޭދަކުރަން ޖެހޭ މިދަތުރު ކުރަން ޖެހޭނީ އިރުގެ ވަށައިގެން" މިމެސެޖް ކަމުގަ އެވެ. "މަންގަލިޔާން" ފޮނުވި މިމެސެޖްގައިވާ ގޮތުން އެއުޅަނދު މިހާރު މިސްރާބު ޖަހާފައި ވަނީ ސީދާ މާސް އާ ދިމާއަށް ކަމަށާއި މާސް އަށް ވާސިލްވުމަށް ގާތްގަނޑަކަށް 680 މިލިޔަން ކިލޯ މީޓަރު ކުރިޔަށް އޮތް 300 ދުވަހުގެ ތެރޭގައި އެއުޅަނދު ކަނޑައްތު ކުރާނެ ކަމަށް އިސްރޯ ބުނެ އެވެ.

އިސްރޯ ލަފާކުރާގޮތުން "މަންގަލިޔާން" އަށް މާސްގެ ސަތަހުގެ ކައިރިއަށް ދެވޭނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ސައުވީސް ވަނަ ދުވަހު އެވެ. ހަތް ދިހަ ދެ މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްގެން އުފެއްދި ޖައްވީ އުޅަނދުގެ ބޭނުމަކީ މާސް ޕްލެނެޓްގެ ވަށައިގެންވާ އެޓްމޮސްފިޔަރގައި މިތޭން ގޭސް ހުރިމިންވަރު ބަލައި އެކަމާ ގުޅޭ ދިރާސާތައް ކުރުމެވެ. އިސްރޯގެ ވެރިޔާ ކޭ. ރާދަކްރިޝްނާން ވަނީ "މަންގަލިޔާން" ދުނިޔޭގެ އޯބިޓްގެ ވަށައިގެން ބުރުއަޅަން ޖެހޭ މަރްހަލާ ކަޑައްތުކޮށްފައި ވަނީ ބަރާބަރަށް ކަމަށް ސިފަކުރައްވާފަ އެވެ. މިއާއެކު ވެސް 1350 ކިލޯގްރާމްގެ ބަރުދަން ހުރި މިއުޅަނދު މާސްއަށް ކުރާ ދިގު ދަތުރުގެ މިސްރާބަށް ބައެއް ބަދަލުތައް އަންނާނެ ކަމަށް އިސްރޯ އިންވަނީ ލަފާކޮށްފަ އެވެ.

އިސްރޯގެ ސައެންސާ ބެހޭ ސެކްރެޓަރީ ކޮޓިސުވަރާ ރާއޮ އާ ހަވާލާދީ އިންޑިޔާގެ އެންޑީޓީވީ ބުނާގޮތުން"މަންގަލިޔާން" މާސް އަށް ކުރާ ދިގު ދަތުރުގެ މިސްރާބަށް ހަތަރު ބަދަލެއް އަންނާނެ ކަމަށް ލަފާކޮށް އިސްރޯއިން ވަނީ އެކަމާ ބެހޭ ޕްލޭންތައް ތައްޔާރުކޮށްފަ އެވެ. މީގެތެރެއިން ފުރަތަމަ ބަދަލު އަންނާނެ ކަމަށް ބެލެވެނީ މިމަހުގެ އެގާރަވަނަ ދުވަހު ކަމަށް ވެސް ރާއޮ ވިދާޅުވި އެވެ.

ފަޒާގައިވާ މިތޭން ގޭސް (ސީއެޗް4)ގެ ބޮޑުބައިގެ މަސްދަރަކީ ދިރޭތަކެތި ކަމަށް ސައެންސްވެރިން ލަފާކުރެ އެވެ. މިކަން ލަފާކޮށްފައި ވަނީ ފަޒާއާ ބެހޭ ބިޔަ އަދި ބާރުގަދަ ޓެލެސްކޯޕްތަކާއި ފަޒާ އަށް ފޮނުވާ އެކިބާވަތުގެ އުޅަނދުތަކުގެ އެހީގަ އެވެ. މިހާތަނަށް މާސްގެ ސަތަހަށް ކާމިޔާބުކަމާ އެކު ތިރިކުރެވުނު ހަމައެކަނި އުޅަނދު ކަމަށްވާ އެމެރިކާގެ ޖައްވީ އުޅަނދު "ކިއުރިއޮސިޓީ" ވެސް ވަނީ އެޕްލެނެޓްގެ ވަށައިގެންވާ އެޓްމޮސްފިޔާގައި މިތޭން ގޭސްހުރި ކަމާއި އަދި ހުރިމިންވަރު ދެނެގަތުމުގައި ނާކާމިޔާބު ވެފަ އެވެ.

އިންޑިޔާ އިން މާސް އަށް އުދުއްސާލާފައިވާ"މަންގަލިޔާން" އުޅަނދުން މިކަން ސާބިތުކޮށް ދެވިއްޖެ ނަމަ މާސްގެ އެޓްމޮސްފިޔާގައިވާ މިތޭން ގޭހުގެ މަސްދަރަކީ މާސްގެ ބިމުގެ ކޮންމެ ވެސް ހިސާބެއްގައިވާ ދިރޭތަކެތި ކަމަށް ބެލުމުގެ ފުރްސަތު ބޮޑުވެގެންދާނެ އެވެ. ނަތީޖާއަކީ މާސްގެ ބިމުގައި މިހާރު ނޫނީ މާޒީގެ ކޮންމެވެސް މަރުހަލާއެއްގައި ކޮންމެވެސް ބާވަތެއްގެ ދިރޭތަކެތި އުޅުން ނޫނީ އުޅެފައިވުން ކަމަށް ބެލުމުގެ ފުރްސަތު ބޮޑުވެގެންދިޔުމެވެ.

އަނެއްކޮޅުން މިތޭން ގޭހަކީ އަލިފާން ފަރުބަދަގޮވުން ފަދަ ޖިޔޮލޮޖިކަލް ރިއެކްޝަންތަކަކުން ވެސް ނުކުމެދާނެ ގޭހަކަށް ވާތީ މާސްގެ އެޓްމޮސްފިޔާގައި މިތޭން ގޭސް ހުރިކަން އިންޑިޔާގެ ޖައްވީ އުޅަނދަށް ސާބިތުކޮށް ދެވިއްޖެ ނަމަ މާސްގައި ކޮންމެވެސް ދުވަސްވަރެއްގައި ޖިޔޮލޮޖިކަލް ރިއެކްޝަންތަކެއް (އަލިފާން ފަރުބަދަ ތަކެއް ގޮވުންފަދަ ހާދިސާއެއް) ހިނގާފައިވާ ކަމަށް ބެލުމުގެ ފުރްސަތު ވެސް ބޮޑުވެގެންދާނެ އެވެ.

މިހާތަނަށް މާސް އަށް އުޅަނދެއް ފޮނުވުމުގައި ކާމިޔާބު ހޯދިފައިވާ ހަމަ އެކަނި ގައުމަކީއެމެރިކާ އެވެ. ނަމަވެސް މާސްގެ އެޓްމޮސްފިޔާގައި މިތޭން ގޭސްހުރިކަން ސާބިތުކޮށް ދިނުމުގައި އެމެރިކާ ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. ޗައިނާއާއި ޖަޕާން ވެސް މާސް އަށް އުޅަނދެއް ފޮނުވުމަށް މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެދެގައުމު ވެސް އެކަމުގައި ވަނީ ނާކާމިޔާބުވެފަ އެވެ. އިންޑިޔާ އިން މާސް އަށް ފޮނުވާލި އުޅަނދު "މަންގަލިޔާން" އުދުއްސާލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު ޗެއްނާއީގެ އިރު އުތުރުން 50 މޭލު ދުރުގައި އޮންނަ ބޭ އޮފް ބެންގޯލްގެސްރީހަރިކޮޓާ ސަރަހައްދުގައިވާ ޖައްވީ ސްޓޭޝަނަކުންނެވެ. (ބީބީސީ)