02 Dec 2013, 13:57
ޝަރުއީ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ ހަތް ބޭފުޅަކަށް މިއަދު ދެއްވައިފި އެވެ.
އެ ހަތް ބޭފުޅުންނަކީ ދ. ކުޑަހުވަދޫ މެޑޯޒް އަލީ ޒައިދާއި ގއ. ދާންދޫ ލަކީހޯމް ނިމާލް މުހައްމަދާއި މ. ކިރިލި އާމިނަތު ނަޒްމާ އައި ޏ. ފުވައްމުލައް ދަނޑިމަގު، މާވާގެ ނާސިހާ ހަސަންދީދީ އާއި ސ. ހުޅުދޫ ކަންމަތީގޭ ފާތިމަތު ޝިނާޒާ އާއި ސ.މަރަދޫ ކަށިމާގޭ އަބްދުﷲ ސިއްދީގުގެ އިތުރުން ގދ. ރަތަފަންދޫ މުޝްތަރީގޭ ނަސްރުﷲ މުސްތަފާ އެވެ.
ބަންޑާރަ ނާއިބްގެ އޮފީހުން ބުނީ އެ ބޭފުޅުންނަށް ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޫކޮށްފައި ވަނީ މިއަދު ކަމަށެވެ.
މިއަދު ހެނދުނު ބަންޑާރަ ނާއިބް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭފުޅުން ވަނީ ބަންޑާރަ ނާއިބް އަހްމަދު އަނިލްގެ ކުރިފުޅުމަތީގައި ގާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވާފަ އެވެ. އެބޭފުޅުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސައިންއެވެ.
އެ ހަތް ބޭފުޅުން ހުވާކުރެއްވުމުން މިހާތަނަށް ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ބޭފުޅުންގެ އަދަދަކީ 696 އެވެ.