އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކައުން ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުހެންވޭރު ދާއިރާ އަށް ކުރިމަތިލެއްވުމަށް ފަހު، ވޯޓުލާން ދިޔަ މީހުންނަށް ވުރެ ގިނައިން ވޯޓުލާފައިވާ މައްސަލައެއް ފެންމަތިވެ، ޕްރައިމަރީޒްގެ އިންތިހާބް ކާމިޔާބުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ ނަންފުޅު އަނބުރާ ގެންދަވައިފި އެވެ.

އެމްޑީޕީގެ އިންތިހާބް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ އެ ދާއިރާގެ އިންތިހާބްގެ ވަގުތީ ނަތީޖާ ބާތިލުކޮށް އަލުން އިންތިހާބު ބޭއްވުމަށް ހަމަޖެއްސީ އިންތިހާބާ ގުޅިގެން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން ކަމަށެވެ. އެގޮތުން އިންތިހާބްގެ ގަވާއިދުތަކާ ހިލާފަށް އެ ފޮއްޓަށް ވޯޓްލައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ދާއިރާ އަށް އަމީން ފައިސަލްގެ އިތުރުން ވާދަކުރައްވާފައިވާ އަނެއް ބޭފުޅަކީ އާދަމް ޝާރީފު އެވެ. އެމްޑީޕީގެ ޕްރައިމަރީޒްގައި އެ ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބިފައި ވަނީ 500 މީހުންނަށެވެ. އެ ފޮއްޓަށް ވޯޓްލާން ހާޒިރުވި މީހުންގެ އަދަދަކީ 113 އެވެ. ނަމަވެސް އެ ފޮއްޓަށް 130 މީހުން ވަނީ ފޯޓް ލައިފަ އެވެ.

"އެކަކަށް ވުރެ ގިނައިން ކުރިމަތިލާ ނަމަ، ޕްރައިމަރީޒް ބާއްވާނެ ކަން އަޅުގަނޑުމެން ކުރިން ވާނީ އިޢުލާންކޮށްފައި. ނަމަވެސް އަމީން ނަން ނެންގެވީމާ ދެން އެ ދާއިރާގެ ޕްރައިމަޒެއް ނޯންނާނެ. ނަން އަނބުރާ ގެންދެވީ މަސްލަހަތަށް ޓަކައި ކަމަށް މިކޮޅަށް ފޮނުއްވި ސިޓީގައި އަމީން ވިދާޅުވެފައިވޭ،" ވަހީދު ވިދާޅުވި އެވެ.

މާލޭ އާއި ހުޅުމާލޭގައި އެ ދާއިރާގެ ވޯޓް ފޮށި ބެހެއްޓިއިރު މާލޭން އަމީނަށް ލިބިވަޑައިގެންފައި ވަނީ 56 ވޯޓެވެ. އަދި ޝަރީފަށް ލިިބިވަޑަައިގަތީ 74 ވޯޓެެވެ. ހުޅުމާލޭގައި ބެހެއްޓި ފޮށީގެ ނަތީޖާ އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އަމީން ފައިސަލް ވެސް އަދި އޭނާގެ އެއްވެސް މަންދޫބެއް ވެސް އިންތިހާބާ ބެހޭ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރިކަން އެނގެން ނެތް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.