އަޖައިބު ކުރުވަނިވި ފްރީޑަމް ޝިޕް ނުވަތަ "ޕްލޯޓިން ސިޓީ" އަކީ 50000 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓު ބަނުމަށް 10 ބިލިޔަން ޑޮލަރު ޚަރަދު ވާނެ އެވެ.

ދުނިޔޭގައި މިހާތަނަށް ބަންނަ އެންމެ ބޮޑު ބޯޓަށް ފްރީޑަމް ޝިޕް ވެގެންދާ އިރު، އެ ބޯޓުގައި އެއަރޕޯޓަކާއި ޝޮޕިން ކޮމްޕްލެކްސް ތަކާއި އަދި ބޮޑު ބަނދަރެއް ހިމެނޭނެ އެވެ. ބޯޓު ފަރުމާކޮށްފައި ވަނީ 50000 މީހުންނަށް ދަތިކަމެއް ނެތި ދިރިއުޅެވޭނޭ ގޮތަށެވެ. އެއީ އެ މީހުންގެ އަމިއްލަ ސިޓީ އެވެ.

ފްރީޑަމް ޝިޕް ގެ ދިގުމިނުގައި މޭލެއް ހުންނައިރު މި ބޯޓު ގައި 25 ފަންގިފިލާ ހުންނާނެއެވެ. ބޯޓުގެ ބިޔަ ކަމުން މި ބޯޓަށް އެއްވެސް ބަނދަރަކަށް ނުވެއް ވަދެވޭނެ އެވެ.

މި ބޯޓުން ލިބޭ އިތުރު ހިދުމަތް ތަކުގެ ތެރޭގައި، ސްކޫލް، ހޮސްޕިޓަލް، ވިޔަފާރިތައް، ޕާރކްތައް، ރެސްޓޯރަންޓް ތަކާއި އަދި އެކުއޭރިއަމް ތައް ހިމެނެއެވެ. މީގެ އިތުރުން 30000 މީހުންނަށް ފުދޭ މިންވަރަށް ދުވަހު ކޮޓަރި އާއި، 20000 ފަޅުވެރީންނަށް ބޭނުންވާ ކޮޓަރި އާއި 10000 އޯވަރ-ނައިޓް ގެސްޓުންގެ ކޮޓަރި މި ބޯޓުގައި ހުންނާނެއެވެ.

އެމެރިކާގެ ފްލޮރިޑަރ ގެ ކުންފުންޏެއް ކަމަށްވާ، ފްރީޑަމް ޝިޕް އިންޓަރނޭޝަނަލް އިން ފަރުމާކޮށް ޑިޒައިން ކޮށްފައިވާ މި ބޯޓު ދުނިޔޭގެ އެކި ގައުމު ތަކަށް ދަތުރުކުރާނެ އެވެ.

ފްރީޑަމް ޝިޕް އިންޓަރނޭޝަނަލް ގެ، ޑިރެކްޓަރ އަދި ވައިސް ޕްރެޒިޑެންޓް ރޯޖަރ އެމް ގޫޗް ބުނި ގޮތުން މި ބޯޓު ވާނީ ދުނިޔޭގައި މިހާތަނަށް ބަންނަ އެންމެ ބޮޑު އުޅަނދަށެވެ. އަދި އެންމެ ފުރަތަމަ ޑިވެލޮޕް ކުރާ ފްލޯޓިން ސިޓީ އަށެވެ. މި ބޯޓު އުފައްދަން އެތައް ބިލިއަން ޑޮލަރުގެ ކެޕިޓަލް އިންވެސްޓް ކުރާއިރު މި ވަގުތު ފްރީޑަމް ޝިޕް އިންޓަރނޭޝަނަލް ކުންފުނީގެ އެންމެ ބޮޑު މަގްސަދަކީ އެ ކެޕިޓަލް ހޯދުމެވެ. ރޯޖަރ ބުނާ ގޮތުން ދުނިޔޭގެ އިގްތިސާދުގެ ހާލަތު މިދިޔަ އަހަރު ތަކުގެ ތެރޭގައި ދަށް ވެފައި ވުމަކީ އެމީހުނަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމަކަށް ވިޔަސް މި ދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެތައް އިންވެސްޓަރުންނެއްގެ ޝައުގުވެރިކަން އެމީހުނަށް ލިބިފައި ވެއެވެ. ބޯޓުގެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ އެއް ބިލިއަން ޑޮލަރު ވަރަށް އަވަހަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.