ދުނިޔޭގައި އޮންލައިން ރީޓެއިލް ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ އެމެރިކާގެ އެމޭޒަން އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުމަށް ޓަކައި މީހަކާނުލައި އުދުހޭ އުޅަނދު (ޑްރޯންސް) ބޭނުން ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމޭޒަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޖެފް ބެޒޯސް ވިދާޅުވީ، "އޮކްޓޮކޮޕްޓާސް"ގެ ނަންދެވިފައިވާ ޑްރޯންސްގެ އެހީގައި އެކުންފުނީގެ ކަސްޓަމަރުންނަށް ބައެއް ބާވަތްތަކުގެ މުދަލަށް އޯޑަރުދޭތާ ބައިގަޑިއެއްހާ އިރުގެ ތެރޭގައި މުދާ ފޯރުކޮށްދެވޭނޭ ކަމަށެވެ.

"އަހަރެމެންނަށް ބައިގަޑިއެއްހާ އިރުގެ ތެރޭގައި ޑެލިވާ ކޮށްދެވޭނެ... އެގޮތުން ގާތްގަނޑަކަށް 2.5ކިލޯގެ ބަރުދަން ހުންނަ އެއްޗެހި އުފުލޭނެ. މިއީ ގާތްގަނޑަކަށް ޑެލިވަރީ ކޮށްދޭ ބާވަތްތަކުގެ 86 ޕަސެންޓް،" ސީބީއެސްގެ 60 މިނިސްޓްސް ޕޮރޮގްރާމަށް ބެޒޯސް ވިދާޅުވި އެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން އަދި މިހާތަނަށް މަދަނީ ބޭނުންތަކަށް ޑްރޯންސް ބޭނުން ކުރުމުގެ ހުއްދަ ދީފައި ނުވާ އިރު އެމޭޒަން އިން ބުނެފައި ވަނީ، ޑްރޯންގެ އެހޯގައި ކަސްޓަމަރުންނަށް މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށަން އަދި ފަސް ވަރަކަށް އަހަރު ހޭދަވުން އެކަށީގެންވާ ކަމަށެވެ.

އެމޭޒަން އިން އެ ކުންފުނީގެ ވިޔަފާރި އިތުރަށް ތަރަށްގީކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ފަށާފައިވާއިރު ޑްރޯންސްގެ އެހީގައި ފަށަން ތައްޔާރުވަމުންދާ ހިދުމަތަށް އެކުންފުނިން ދީފައިވާ ނަމަކީ "އެމޭޒަން ޕްރައިމްއެއާ" އެވެ.

އެމެރިކާގެ ފުލުހުންނާއި ސަރުކާރުގެ އޭޖެންސީތަކަށް ޑްރޯންސް ބޭނުންކުރުމަށް މިހާރު ވެސް 1400 ހުއްދަ ދޫކޮށްފައިވާ އިރު، ސިވިލިއަން އެއާ ސްޕޭސްގައި ހުރިހާ ވައްތަރެއްގެ ޑްރޯންސް ބޭނުންކުރުމުގެ ހުއްދަ އެގައުމުގައި 2015 ވަނަ އަހަރު ހުޅުވައިލާނެ ކަމަށް ލަފާކުރެވެ އެވެ. އަދި ޔޫރަޕްގެ ގައުމުތަކުގައި 2016ގައި އެ ހުއްދަ ދޫކުރާނޭ ކަމަށްވެ އެވެ.

އެމޭޒަން އިން ބުނެފައިވަނީ، ޓެކްނޯލޮޖީގެ ނަޒަރުން ބަލާއިރު ވިޔަފާރީގެ ބޭނުންތަކަށް އެފަދަ ހުއްދައެއް ލިބޭއިރަށް މަސައްކަތް ފެށުމަށް އެކުންފުނި އޮތީ ތައްޔާރަށް ކަމަށެވެ.

"މީހަކާ ނުލައި އުދުހޭ ވައިގެ އުޅަނދުތަކާ ބެހޭ ގަވާއިދުތައް ހެދުމުގެ މަސައްކަތް އެފްއޭއޭއިން ކުރަމުން މިހާރު ވެސް އެ ގެންދަނީ،" އެންމެ އަވަސް ވެގެން 2015 ވަނަ އަހަރުގެ ކުރީ ކޮޅުގައި "ގްރީންސިގްނަލް"އެއް ލިބޭނޭ ކަމަށް ލަފާކުރަމުން އެމޭޒަންއިން ބުންޏެވެ. "ކޮންމެވެސް ދުވަހަކުން ޕްރައިމް އެއާ ވެހިލްތައް، ފެންނާނެ، މިހާރު މަގުމަތިން މެއިލް ޓްރަކްތައް ފެންނަ ފަދައިން."