ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމަށް އަންހެން ކުއްޖަކު ރިޕޯޓްކުރުމުން އެކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކޮށްފައިވާ ފުލުހުންގެ ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާ އާއި އޭނާއާއެކު ހައްޔަރުކޮށް ސަސްޕެންޑްކުރުމަށްފަހު ވަޒީފާއިން ވަކި ކުރި ތިން މީހުންގެ މައްސަލައިގެ ތަހުގީގުގެ ހުރިހާ ލިޔުމެއް ދިނުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ފުލުހުންނަށް އަންގައިފި އެވެ.


ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއިލް ވިދާޅުވީ އެ މައްސަލަ ބެލުމަށްޓަކައި އެ މަސައްލަގައި ޕޮލިސް ތަހުގީގު އެއްކޮށް ރިވުއުކުރަން ބޭނުންވާ ކަމަށާއި އެކަމާބެހޭ ހުރިހާ ލިޔުމެއް ދިނުމަށް ތަކުރާރުކޮށް ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ.


"ބައެއް ލިޔުންތައް ލިބުނު. އެކަމަކު އަޅުގަނޑުމެން ބޭނުން ވަނީ ހުރިހާ ލިޔުމެއް. މުޅި ތަހުގީގު އެއްކޮށް ރިވިއު ކުރަން ބޭނުން ވަނީ. އެ މައުލޫމާތުތައް ހޯދަން ތަކުރާރުކޮށް ވާނީ އެދިފައި،" ޝަހިންދާ އިސްމާއީލް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ މައުލޫމާތު ނުލިބިދާތީ އެކަން އަވަސް ކޮށްދިނުމަށް ވެސް އެދިފައިވާނެ ކަމަށާއި އެގޮތަށް އެދުނު އިރު ފުލުހުންގެ ފަރާތުން އެ މައުލޫމާތު ލިބުން ވަރަށް ބޮޑަށް ލަސްވަމުންދާ  ކަމަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ.


ފުލުހުންގެ ސަބްއިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ މައްސަލައިގެ ހުރިހާ މައުލޫމާތެއް އިންވެސްޓިގޭޝަން ޓީމް ޕޮލިސް އިންޓެގްރިޓީއަށް ކިޔައިދީފައިވާ ކަމަށާއި މިހާތަނަށް ލިބިފައިވާ ހުރިހާ ޑޮކިއުމެންޓެއް ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.


"ހިއްސާ ނުކޮށް ހުރި މައުލޫމާތެއް ވާނަމަ އެ މައުލޫމާތެއް ނުދެވި ވަނީ އެކި ފަރާތްތަކުން އިންވެސްޓިގޭޝަނަށް ބޭނުންވާ އަދި ނުލިބި ހުރި ޑޮކިއުމެންޓްތައް،" ޝިޔާމް ވިދާޅުވި އެވެ.


ބަދުއަހުލާގީ އަމަލުގެ ތުހުމަތެއްގައި ކަމަށް ބުނެ ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑުގެ ވެރިޔާ، ޗީފް އިންސްޕެކްޓަރު ރިޝީފް ތޯހާއާއެކު ހައްޔަރުކޮށް ދެން ވަޒީފާއިން ވަކި ކުރީ ކޯޕްރަލް މުހައްމަދު ފަޔާޒާއި ކޮންސްޓަބަލް ހުޝާމް ހަމީދާއި ކޯޕްރަލް އަލީ ނަޝީދެވެ. މި ތިން މީހުންގެ ތެރެއިން ފަޔާޒާއި ހުޝާމަކީ ސްޕެޝަލް އޮޕަރޭޝަން ކޮމާންޑްގެ ވެރިޔާގެ ދެ ބޮޑީގާޑުންނެވެ. އަލީ ނަޝީދަކީ ބޮޑީގާޑް ޔުނިޓުގެ ހެޑެވެ.