ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކުރުމަކީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތައް ނަގާލުން ކަމަށް އިމްތިޔާޒު ކޮމެޓީން ކަނޑައަޅައި ގަރާރެއް ފާސްކޮށްފި އެވެ.

އިއްޔެ ބޭއްވި އިމްތިޔާޒު ކޮމެޓީގެ ބައްދަލުވުމުގައި އެ ގަރާރު ފާސްކޮށްފައި ވަނީ އެ ކޮމެޓީގެ ހަ މެމްބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުން މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތައް ނަގާފައިވާ ކަމަށް ކަނޑައެޅުމަށް ވޯޓުދެއްވާފައި ވަނީ އެ ކޮމެޓީގެ ނާއިބް މުގައްރިރު މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ކޮމެޓީގެ މެމްބަރުން ކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަފީގު ހަސަނާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރާއި މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމުގެ އިތުރުން ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ވޯޓު ދެއްވައިގެންނެވެ.

އިމްތިޔާޒު ގާނޫނުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވަނީ ދައުލަތުގެ އެއްބާރުން އަނެއްބާރަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ އުސޫލާ ޚިލާފަށް ކަމަށް އެ ގަރާރުގައި ވަނީ ބުނެފަ އެވެ.

އެ ގަރާރުގައި ބުނެފައި ވަނީ އިމްތިޔާޒު ގާނޫނުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ގެއްލޭ ގޮތަށް ކަމަށެވެ.

ސުޕްރީމް ކޯޓުން އިމްތިޔާޒުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލުކުރި ކުރުން އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އާއި އދ.ގެ ސަމާލުކަމަށް ގެނެސް އެތަނުގެ އެހީތެރިކަން ހޯދުމަށް ހުށަހެޅުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

އިމްތިޔާޒު ކޮމެޓީގެ ނާއިން މުގައްރިރު ސަން އަށް ވިދާޅުވީ އިއްޔެ ފާސްކުރި ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށެވެ.