މިދިޔަ ސީޒަންގައި ކްލަބް ވެލެންސިޔާއާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ފޯވާޑް މުހުތާރު ނަސީރު (ޓޫކިލޯ) ދެ އަހަރުގެ އެއްބަސްވުމެއްގައި ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއިކޮށްފި އެވެ.

ނިއު އިން ބުނީ، ޓޫކިލޯ އެ ކްލަބަށް ގެނެސްފައިވަނީ، މިދިޔަ ސީޒަންގައި އެ ކްލަބްގެ ވިންގަށް ކުޅުނު ހުސެއިން ނިޔާޒު (ބޮކުރީ)ގެ ބަދަލުގައި ކަމަށެވެ. ބޮކުރީ ވަނީ، ދިވެހި ލީގަށް އަލަށް ޕްރޮމޯޓްވި މަހިބަދޫ ސްޕޯޓްސް ކްލަބާ ގުޅިފަ އެވެ.

ރާއްޖެއަށް 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތް ކަމިޔާބުކުރެވުނު ތާރީޚީ ލަނޑު އިންޑިއާގެ ގޯލަށް ވައްދާލި ތަޖުރިބާކާރު ފޯވާޑާ ހަވާލާދީ ނިއު ރޭޑިއަންޓްގެ ވެބްސައިޓްގައި ބުނެފައިވަނީ، އޭނާ އެންމެ ލޯބިވާ ކްލަބް އަދި ޗެމްޕިއަނުންނާ ގުޅެން އަލުން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

"އަހަރެންގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ފަހު އަހަރުތައް ގުނަމުންދާއިރު އަހަރެން އެންމެ ލޯބިވާ ކްލަބްގައި ކެރިއަރު ނިންމާލަން ބޭނުންވަނީ،" 2000ގެ ކުރީ ކޮޅުގައި ނިއުއަށް ކުޅުނު ކުޅުންތެރިޔާ ބުންޏެވެ.

ނިއުރޭޑިއަންޓާ އަލުން ގުޅުމަށްފަހު މުހުތާރު ބުނީ، އެޓީމާ ގުޅެން އޭނާގެ ޝައުގުވެރިކަން އެންމެ ބޮޑަށް އިތުރުވީ، އެ ކްލަބާއި އަދި ކްލަބުގެ މެނޭޖްމަންޓާ ގުޅޭގޮތުން ވެސް އޭނާއަށް އަބަދުވެސް ރަނގަޅު ވާހަކަތައް އަޑު އިވޭތީ ކަމަށެވެ.

"ޓީމެއް އިހްތިޔާރު ކުރުމަށް ބަލާއިރު ޕްރޮފެޝަނަލްކޮށް އެންމެ ރަނގަޅަށް ހިންގާ މެނޭޖްމަންޓެއް މި އޮތީ ނިއުރޭޑިއަންޓްގައި. އެއީ އަހަރެން މި ކްލަބާ ގުޅެއްން އެއްބަސްވި މައިގަނޑު ސަބަބަކީ. މިދިޔަ އަހަރު ވެލެންސިޔާއާ އަހަރެން ގުޅުނީ ވަރަށް ބޮޑު އުންމީދު ތަކަކާއެކު. އެކަމަކު އެކަން ހާސިލެއް ނުވި. އެކަމަކު މިފަހަރު މި ކްލަބާ ދޭތެރޭގައި އަހަންނަށް ޔަގީންކަން އެބައޮތް،" 2008 ވަނަ އަހަރު ރާއްޖޭގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި ޓޫކިލޯ ބުންޏެވެ.

މިދިޔަ ސީޒަންގައި ގައުމީ ފެންވަރުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހުރިހާ މުބާރާތެއް ކާމިޔާކޮށް 100 ޕަސެންޓްގެ މޮޅުވުމުގެ ތާރީޚީ ރެކޯޑަކާ އެކު ސީޒަން ނިންމާލި ނިއުއިން އަންނަ ސީޒަނަށް ސްކޮޑްވަރުގަދަ ކުރުމަށްޓަކައި އެޓީމުގެ މުހައްމަދު އުމޭރު (އުމޭ) އަދި އަލީ ފާސިރު (ސެންޓޭ)ގެ ކޮންޓްރެކްޓް ދެއަހަރު ދުވަހަށް އިތުރު ކޮށްފައެވެ. އަދި ނިއުއިން ބުނީ ކުރިން ކޮންޓްރެކްޓް ހަދާފައިވާ ކުޅުން ތެރިންގެ ތެރެއިން އަކްރަމް އަބްދުލްޣަނީ (އަކޫ)، މުޙައްމަދު ސިފާން (ކުޑައްޓޭ)، އިންސްމާއިލް އީސާ (މެސީ)، އަދި ރިލްވާ ވަހީދު (ރިލޭ) ފަދަ ކުޅުންތެރިން ޓީމުގައި މަޑު ކުރާނޭ ކަމަށެވެ.