ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސްޕެޝަލް އެންވޯއީ އޮފް ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި އިބްރާހީމް ހުސައިން ޒަކީ ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގެންފި ކަމަށް އޭނާ އަނެއްކާ ވެސް އިއުލާންކުރައްވައިފި އެވެ.
މިއަދު ނެރުއްވި ބަޔާނެއްގައި ޒަކީ ވިދާޅުވެފައި ވަނީ އޭނާ ސިޔާސީ ދާއިރާ އިން ދުރަށް ވަޑައިގެންނެވީ އިޖުތިމާއީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގެންނެވުމަށް ކަމަށެވެ.

.. މިއަދުން ފެށިގެން ސިޔާސީ ހަރަކާތްތަކުން ދުރުގައި ހުރެމެ، އަޅުގަނޑު ހުންނާނީ އެމްޑީޕީގެ އާއްމު މެމްބަރެއްގެ ގޮތުގައެވެ. ހަމަ އެހެންމެ، މާތް ﷲގެ އިރާދަފުޅާ އެކު އަޅުގަނޑު އަބަދުވެސް ދެމިހުންނާނީ ޑިމޮކްރެޓިކް ވެއްޓެއްގެ ތެރެއިން ދިވެހިންނަށް ޚިދުމަތްކުރުމުގަ އެވެ. އެހެންކަމުން އަޅުގަނޑުގެ ހަޔާތާއި ތަޖުރިބާއާއި ގުޅިފައި ހުރި މަދަނީ ވިއުގަ، ނުވަތަ ސިވިލް ސޮސައިޓީ، ދިވެހިރާއްޖޭގައި ތަރައްގީ ކުރުމަށް ކުރިއަށް އޮތް ތަނުގައި ހިންމަތާ އެކު މަސައްކަތް ކުރުމަށް އަޅުގަނޑު އަޒުމް ކަނޑައަޅަމެވެ،" ޒަކީ މިއަދު ނެރުއްވި ބަޔާނުގައިވެ އެވެ.

ޒަކީ ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތީން އެކްޓިވް ޕޮލިޓިކްސް އިން ދުރަށް ވަޑައިގަން ވާހަކަ އާންމުކޮށް މީޑިއާތަކުގައި ވިދާޅުވެފަ އެވެ.