ހދ. ހޮނޑައިދޫން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ހއ. އަލިދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ސ. ހުޅުދޫ ރީފްސައިޑު ޖާދުﷲ ޖަމީލްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ހެކިބަސް ނަގައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ ދެ ފުލުހަކާއި ޖާދުﷲ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުލުހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ.

ފުރަތަމަ ނަގާފައި ވަނީ ދައުލަތުން ހުށަހެޅި ދެ ފުލުހުންގެ ހެކިބަހެވެ.

ފުރަތަމަ ހެކިބަސްދިން ފުލުސް މީހާ ބުނީ ޖާދުﷲއާ އިތުރު ބަޔަކު ހައްޔަރުކުރި ދިމާލުން "ދުންފަތުގެ އިސްތިއުމާލުކުރާ ބިޑި" ފެނިފައިވާ ކަމަށެވެ. ބިޑި ފެނިފައި ވަނީ އެމީހުން ތިބިދިމާލާ 20 ވަރަކަށް ފޫޓު ދުރުން ކަމަށް ވެސް އޭނާ ބުންޏެވެ.

ޖާދުﷲގެ ވަކީލު ކުރެއްވި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ ޖާދުﷲ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް އޭނާ އަށް ތުހުމަތު ނުކުރެވޭ ކަމަށެވެ.

ދެވަނައަށް ހެކިބަސްދިން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުލުސް މީހާ ބުނީ ޖާދުﷲ ހައްޔަރު ކުރި ދިމާލާ އަށް ވަރަކަށް ފޫޓު ދުރުން މަސްތުވާތަކެތި ފެނުނު ކަމަށެވެ. އެގޮތުން އެސަރަހައްދުގައި ހުރި މޭޒުމަތިންނާއި ބިންމަތިން ވެސް ތެޔޮބިޑި ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ޖާދުﷲ ހައްޔަރު ކުރި އިރު އޭނާގެ އަމަލުތައް ހުރި ގޮތުން އެވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަން އެނގޭ ކަމަށެވެ.

ޖާދުﷲ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުލުސް މީހާ ބުނީ ޖާދުﷲ ހައްޔަރުކޮށްފައި ހުރި ދިމާލުން އޭނާ އަށް ތެޔޮބިޑި ފަދަ އެއްޗެއް ފެނިފައިނުވާ ކަމަށާއި ނަމަވެސް ބަނގުރާ ފުޅިތަކެއް ފެނުނު ކަމަށެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ އެ މައްސަލައާ ގުޅިގެން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ފުލުހެއްގެ ހެކިބަސްނަގާފަ އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ ދެން ހާޒިރުކުރަންޖެހޭނީ މަސްތުވާތަކެތި ތަހުލީލު ކުރި ފުލުސް އޮފޮސަރު ކަމަށެވެ.

އެ މައްސަލައިގައި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ހެކީންގެ ހެކިބަސް ނެގުމެވެ.