ސ. ގަން އެއާޕޯޓްގެ ރަންވޭ ބޮޑުކުރާ ސަރަހައްދު ހިއްކުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު އަލުން އިއްޔެ ފަށައިފި އެވެ.

ގަން އެއާޕޯޓް ތަރައްގީކުރާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އެއް ހިއްސާދާރު، އެސްޓީއޯ އިން ބުނީ އެ ޕްރޮޖެކްޓް މަޑުޖައްސާލީ ކުރިޔަށް އޮތްތަނުގައި މެދުނުކެނޑި ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމު މިއަދު ވިދާޅުވީ ދެން މަސައްކަތް ނުހުއްޓި، ޝެޑިއުލަށް ނިންމާލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނާއި ސަރުކާރާ ދެމެދު އެރޭންޖްމަންޓްތަކެއް ހެދިގެން އެ ޕްރޮޖެކްޓް މެދުނުކެނޑި ކުރިޔަށް ގެންދެވޭ ގޮތަށް ރާވާފައި ވަނީ. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތަނުގައި އެ މަސައްކަތް މެދުނުކެނޑި ކަނޑައެޅިފައިވާ ޝެޑިއުލަށް ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރު ބުނެފައިވޭ،" އޭނާ ވިދާޅުވި އެވެ.

ދުބާއީގެ ގަލްފްކޮބްލާ އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތް މީގެ ތިން ހަފުތާ ކުރިން މެދުކެނޑުނީ އެ މަސައްކަތަށް ބޭނުންވާ ފައިސާގެ މައްސަލަތަކެއް ކުރިމަތިވެގެން ކަމަށް ބުނެފައިވެ އެވެ.

"ކޮންޓްރެކްޓަރަށް ލިބެން ޖެހޭ ޕޭމަންޓްތަކެއް ނުލިބިގެން ތެޔޮ ނުލިބުނީ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށްފައިވާނެ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަޝްރޫއަށް ބޭނުންވާ ލޯނު ބޭންކް އޮފް މޯލްޑިވްސް އިން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ލޯނު ހޯދުމަށް އޭޖީގެ ލަފައެއް ވެސް ލިބިފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

ގަން އެއާޕޯޓް ހިއްކުމުގެ މަސައްކަތް މެދުކެނޑުނުއިރު 30 ޕަސެންޓް ސަރަހައްދު ވަނީ ހިއްކާ ނިމިފަ އެވެ. އެ މަސައްކަތް ގަލްފްކޮބްލާއާ ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 11.7 މިލިއަން ޑޮލަރަށެވެ.