ކުރީގެ ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް އިސްލާހުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް މިއަދު އަލުން ފޮނުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ސަންއާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އާ ސަރުކާރުން ބޭނުންވާ ގޮތަށް ބަޖެޓް އިސްލާހުކުރުމުން ބަޖެޓްގެ ޖުމްލަ އަދަދަށް ވެސް ބަދަލު އަންނާނެ ކަމަށެވެ.

"އާ ސަރުކާރުން ވެފައިވާ ވައުދުތައް ފުރިހަމަކުރުމަށް ފުރުސަތު ދޭން ޖެހޭނެ. އެގޮތުން އެކި އެކި ޕްރޮޖެކްޓްތަކާއި ދައުލަތުން ދޭން ނިންމާފައިވާ ސަބްސިޑީތަކާއި އިނާޔަތްތައް ހިމަނާފައިވާނެ،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔަމީން ކެމްޕޭންގައި ވެފައިވާ ވައުދުތައް ފުއްދުމަށް ބަޖެޓްގައި ވަރަށް ބޮޑު އިސްކަމެއްދެއްވާފައި ވާނެ ކަމަށެވެ.

"މި ބަދަލުތަކާއެކު ބަޖެޓް މިއަދު މަޖިލީހަށް ފޮނުވުމަށް މަސައްކަތްކުރަނީ. ކުރިން ހުށަހެޅި ބަޖެޓާ ވަރަށް ތަފާތު ވާނެ،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ވައުދުވެފައިވާ ގޮތަށް ބަޖެޓް ޑެފިސިޓް ކުޑަކުރަން މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ހުށަހެޅި 16.4 ބިލިޔަން ރުފިޔާގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުތަކުގެ ތެރެއިން އުނިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވާ އިރު އެ މަސައްކަތް ކުރަމުންދާ ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.