02 Dec 2013, 10:19
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އާންމުކުރި "ފީފާ ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ރާއްޖެއަށް އަށް ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިހާރު އޮތީ 147 ވަނަ މަގާމުގަ އެވެ. ރާއްޖެއަށް އަށް ދަރަޖައިގެ ކުރިއެރުމަކާއެކު ސާކު ސަރަހައްދުގެ ތިންވަނަ ލިބިފައިވާއިރު މި ސަރަހައްދުގެ އެއްވަނައިގައި އޮތް އަފްގާނިސްތާން ވަނީ ހަތަރު ދަރަޖައިގެ ކުރިއެރުމަކާ އެކު ދުނިޔޭގެ ރޭންކިންގެ 129 ވަނައަށް ކުރިއަށް ޖެހިލައިފަ އެވެ. އަދި ސަރަހައްދުގެ ދެވަނަ މަގާމުގައި އޮތް އިންޑިއާ ވެސް ވަނީ ހަ ދަރަޖައިގެ ކުރި އެރުމަކާއެކު ދުނިޔޭގެ ރޭންކިންގެ 148 ވަނައަށް އަރައިފަ އެވެ. އަދި މި ސަރަހައްދުގެ ހަތަރު ވަނައިގައި އޮތް ބަނގުލަދޭޝް ވެސް ވަނީ މިފަހަރު ހަ ދަރަޖައިގެ ކުރިއެރުމަކާ އެކު ދުނިޔޭގެ ރޭންކިންގެ 156 ވަނައަށް އަރައިފަ އެވެ.
ސާކު ސަރަހައްދުގައި ހިމެނޭ އަށް ގައުމުގެ ތެރެއިން ދެން ކުރިއެރުމެއް ލިބިފައިވަނީ، ސަރަހައްދުގެ ހަތް ވަނައިގައި އޮތް ޕާކިސްތާނަށެވެ. އެ ގައުމަށް އެއް ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވާއިރު ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 167 ވަނަ މަގާމުގަ އެވެ. މި ސަރަހައްދުގެ ހަ ވަނަ މަގާމުގައި އޮތް ސްރީ ލަންކާ އަށާއި އަށް ވަނައިގައި އޮތް ބޫޓާނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު ލަންކާ އޮތީ ދުނިޔޭގެ ރޭންކިންގެ 166ގަ އެވެ. އަދި ބޫޓާން އޮތީ ދުނިޔޭގެ ރޭންކިންގެ 207 ވަނަ މަގާމުގަ އެވެ.
ދުނިޔޭގެ ރޭންކިންގެ އިތުރުން އޭޝިއާ ސަރަހައްދުގެ ރޭންކިންއަށް ބަލާއިރު އޭޝިއާގެ އެއްވަނަ މަގާމުގައި ކުރިން އޮތް ޖަޕާން ހަތަރު ދަރަޖައިގެ ވެއްޓުމަކާއެކު ދެވަނަ (ދުނިޔޭގެ 48 ވަނަ) އަށް ގޮސްފައިވާއިރު އީރާން ވަނީ ހަތަރު ދަރަޖައިގެ ކުރިއެރުމަކާއެކު ސަރަހައްދުގެ އެއްވަނަ (ދުނިޔޭގެ 45 ވަނަ) އަށް އަރައިފަ އެވެ. އަދި ދެ ދަރަޖައިގެ ވެއްޓުމަކާއެކު އޮސްޓްރޭލިޔާ މި ސަރަހައްދުގެ ހަތަރު ވަނަ (ދުނިޔޭގެ 59 ވަނަ) އަށް ވެއްޓިފައިވާއިރު ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދައިގެން ކޮރެއާ ވަނީ ސަރަހައްދުގެ ތިންވަނަ (ދުނިޔޭގެ 54 ވަނަ) އަށް އަރައިފަ އެވެ. ރާއްޖެ އޮތީ އޭޝިއާ ސަރަހައްދުގެ 28 ވަނަ މަގާމުގަ އެވެ.
ދުނިގެ ރޭންކިންގެ ގަދަ ހަތަރަކަށް މިފަހަރު އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން ރޭންކިންގެ އެއްވަނައިގައި ސްޕެއިން، ދެވަނައިގައި ޖަރުމަނު، ތިންވަނައިގައި އާޖެންޓީނާ އަދި ހަތަރު ވަނައިގައި ކޮލަމްބިއާ އޮތް އިރު ނުވަ ދަރަޖައިގެ ކުރިއެރުމެއް ހޯދައިގެން ޕޯޗުގަލް ވަނީ ރޭންކިންގެ ފަސް ވަނައަށް ކުރިއަށް ޖެހިލައިފަ އެވެ.
ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި އަށް ދަރަޖައިގެ ކުރިއެރުމަކާއެކު ސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ރާއްޖެ ހޯދި ނަމަވެސް ގައުމީ ޓީމް އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެގޮތުން ހުސްވި މަހުގެ ފަހު ކޮޅުގައި ސީޝެލްސްގެ ގައުމީ ޓީމާ ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ 3-1 އިންނެވެ. އަދި ދެވަނަ މެޗުން ބަލިވީ 2-1 އިންނެވެ.