ޕަވަހޯސް ގައުމީ ވޮލީބޯލް މުބާރާތުގެ ފައިނަލުގައި 3-2 ސެޓުން ކުލަބް ޕީކޭ ބަލިކޮށް ޕޮލިސް ކްލަބު ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފޯރިގަދަ ފައިނަލްގެ ފުރަތަމަ ސެޓް ޕޮލިސް ކްލަބުން ގެނައީ 25-21 އިންނެވެ. އެހެން ނަމަވެސް ވަރުގަދަ ޕީކޭއިން ވަނީ ފޯރިގަދަ ކުޅުމަކަށް ފަހު ދެވަނަ ސެޓް 23-25 އިން ގެންގޮސްފަ އެވެ. މެޗުގެ ތިންވަނަ ސެޓް ހަމަ ދެވަނަ ސެޓްގެ ނަތީޖާ 25-23 ޕޮލިސް ކުލަބް ކޮޅަށް އަނބުރާލިއިރު ހަތަރު ވަނަ ސެޓް ޕީކޭއިން ގެންދިޔައީ 22-25 އިންނެވެ.

ފައިނަލްމެޗުގެ ނަތީޖާ ކަށަވަރުކުރުމަށް ކުޅުނު ފަސްވަނަ ސެޓްގައި މިއަހަރުގެ އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ޗެމްޕިއަނުން ސިއްސުވާލުމަށްފަހު ޕޮލިސް ކްލަބުން އެ ސެޓް ކާމިޔާބު ކޮށް ޕަވަހޯސް ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއންކަން ކަށަވަރު ކުރީ 15-9 އިން ޕީކޭ ބަލިކޮށްފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި މޮޅު ކުޅެމެއްދެއްކި ޕޮލިސް ކުލަބުގެ އިންޑިޔާ ކުޅުންތެރިޔާ ޕްރަބާގަރަން އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށް ދެއްވީ، ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު، މުހައްމަދު މަލީޙް ޖަމާލު އެވެ.

އެހެން އަހަރު ތަކާ ހިލާފަށް މިއަހަރުގެ މުބާރާތުގައި އެންމެ މޮޅުކުޅުންތެރިޔާގެ މަގާމް ހޮވުމުގައި ބިދޭސީ ކުޅުންތެރިންނަށް ބަލާފައި ނުވާއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ކުލަބު ޕީކޭގެ އިޝާން މުހައްމަދު (ބަޓިސް) އެވެ. މި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސް ކުލަބްގެ އަލީ ހުޒާމް އެވެ.