ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގައި ލެޕްޓޮޕުގެ ބަދަލުގައި އައިޕެޑް ބޭނުން ކުރާގޮތަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.


ފަސް މެންބަރުން ތިއްބަވާ ސީއެސްސީން ވަނީ ހަތް އައިޕެޑް ގަންނަން މި މަހުގެ އެއް ވަނަ ދުވަހު އިއުލާން ކޮށްފަ އެވެ. އެ އިއުލާންގައި ބުނަނީ އެ ކޮމިޝަނަށް 64 ޖީބީގެ ތްރީޖީ ހަތް އައިޕެޑް ވިއްކާނެ ފަރާތެއް ބޭނުންވާ ކަމަށެވެ.


ސީއެސްސީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ އެ ކޮމިޝަނުން އައިޕެޑް ހޯދަން އިއުލާން ކޮށްފައިވަނީ  ކޮމިޝަނުން ރާއްޖެތެރޭގެ ވޯކްޝޮޕްތަކަށް ދާއިރު އުފުލާ ގެންގުޅެން ފަސޭހަ އެއްޗަކަށްވުމުން ކަމަށާއި މުވައްޒަފުންގެ އަމިއްލަ ބޭނުންތަކުގައި ވެސް އައިޕެޑްތަކުން ބޭނުން ކުރާނެ ކަމަށެވެ.


"މައިގަނޑު ގޮތެއްގައި ޓުރެއިނިންނަށާއި ކޮމިޝަންގެ މުވައްޒަފުންގެ ބޭނުންތަކަށް މިހާރު ލެޕްޓޮޕްގެ ބަދަލުގައި އައިޕެޑް ބޭނުން ކުރެވޭނީ،" ފަހުމީ ވިދާޅުވި އެވެ.


މިހާރު ރާއްޖޭގެ މާކެޓުގައި އައިޕެޑް އަގުތަށް ހުރީ 14000ރ. އާއި 18000ރ. ދެމެދުގަ އެވެ. ސީއެސްސީގެ ބޭނުންވާ ކޮންފިގަރޭޝަންގެ ހަތް އައިޕެޑް ގަތުމަށް 98000ރ. އާއި 126000ރ. އާއި ދެމެދުގެ އަދަދަކަށް ފައިސާ ހަރަދުވާނެ އެވެ. ނަމަވެސް ފަހުމީ ވިދާޅުވީ ލެޕްޓޮޕް ގަތުމަށްވުރެ އައިޕެޑް ގަތުމުން ދާ ހަރަދު ކުޑަކަމަށާއި ގެންގުޅެންވެސް ފަސޭހަ ކަމަށެވެ.


"ބަޖެޓުގައި ލާރި ހުރެފަ ލެޕްޓޮޕަށްވުރެ އަގު ހެޔޮ ވީމަ މި ގަންނަނީ." ފަހުމީ ވިދާޅުވި އެވެ.


ފަހުމީ އެހެން ވިދާޅުވި ނަމަވެސް އޮފީސް ލެޕްޓޮޕެއްގެ އަގު ބާޒާރުގައި މިވަގުތު ހުރީ 8000ރ.9000ރ. އަގުތަކުގަ އެވެ. ހަތް ލެޕްޓޮޕް ގަތުމަށް ހަރަދުވަނީ ގާތްގަނޑަކަށް 63000ރ. އެވެ. އެއީ ހަތް އެއިޕެޑް ގަތުމަށް ކުރަންޖެހޭ ހަރަދަށް ވުރެ 63000ރ. ކުޑަ އަދަދެކެވެ.


 


ސިވިލްސާވިސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ނެރެފައިވާ އެ އިއުލާނުގައި ބުނަނީ އައިޕެޑްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ މި މަހުގެ ނުވަނަ ދުވަހުގެ ނިޔަލަށް އަންދާސީ ހިސާބު ހުށަހެޅުމަށެވެ.


މިއީ ރާއްޖޭގެ އޮފީހަކުން މަސައްކަތުގައި އައިޕެޑް ބޭނުން ކުރަން ނިންމައި އައިޕެޑް ގަތުމަށް އިއުލާންކުރި ފުރަތަމަ ފަހަރު ކަމަށްވެއެވެ.